Last Updated: January 17, 18:18
Friday, January 17, 2025
ޚަބަރު

ފާޑުކިޔުންތަކަށް މާރިޔާ ރައްދު ދެއްވައިފި

މާރިޔާ ދީދީ-- ފޮޓޯ: ރައީސް އޮފީސް

ކުރި ޓްވީޓަކާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ރައްދު ދެއްވައިފިއެވެ.

މާލޭގެ މަގުތަކުގައި ހިނގަން އުދަގޫކަން ފާހަގަކޮށް މާރިޔާ ވަނީ ޓްރެފިކްގެ މައްސަލަ އަދި މަގުތައް ހަދާފައި ހުންނަގޮތުން ދިމާވާ ދަތިތައް ހިއްސާކޮށް ޓްވީޓެއް ކޮށްފައެވެ. މާރިޔާގެ މި ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ވަނީ މާރިޔާއަށް ފާޑުކިޔާ ޓްވީޓް ކޮށްފައެވެ. އެގޮތުން ފާޑުކީ ބައެއް މީހުން ވަނީ ކުރީގެ ސަރުކާރުގައި ފަސް އަހަރު މާރިޔާ ވަޒީރެއްގެ ގޮތުގައި ހުންނެވިކަން ފާހަގަކޮށް އޭރު އެކަންކަން ހައްލު ނުކުރާކަން ފާހަގަކޮށްފައެވެ.

އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވާ މާރިޔާ ވިދާޅުވީ، ކުރީގެ ސަރުކާރުގައި ފަސް އަހަރު ވަޒީރެއްގެ ގޮތުގައި ހުރިކަން ފާހަގަކޮށް އަމާޒުކުރާ ފާޑުކިޔުންތަކަށް ފަރުވާލެއް ނެތް ކަމަށެވެ. އަދި އެފަދަ ފާޑުކިޔުންތަކާހެދި ހިމޭނުން ނުހުންނާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ އޭނާ ކަންބޮޑުވާ ކަންކަމުގައި އަޑުއުފުލާނެ ކަމަށެވެ. އަދި ސަރުކާރުގައި ހުރިއިރުވެސް އަދި އޭގެ ކުރިންވެސް ކަންބޮޑުވާ ކަންކަމުގައި އަޑުއުފުލާފައިވާނެ ކަމަށެވެ.

މާލޭގެ މަގުތަކާ ގުޅޭގޮތުން މާރިޔާ ކަންބޮޑުވުން ފާޅުކޮށް ޓްވީޓް ކުރެއްވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައިވެސް މާލޭގެ ބައެއް މަގުތައް ހަދާފައިވެއެވެ. އެހެންނަމަވެސް މާލޭގެ ގިނަ މަގުތަކަކީ ޒަމާނީ ބަދަލުތައް ނުގެނެސް ހުރި މަގުތަކެވެ.