ތަޖިކިސްތާނަށް އުފަން މަޝްހޫރު ސެލެބްރިޓީ އަބްދޫ ރޮޒިގް ޔޫއޭއީގެ މީހަކާ އެންގޭޖްވިކަން އިއުލާންކޮށްފި އެވެ.
އޭނަ ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމުގެ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވެމުން ދަނިކޮށް އިންސްޓަގްރާމްގައި އަބްދޫ، 20، ވަނީ އެންގޭޖްމަންޓް ހަފުލާގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށް އެންގޭޖްވިކަން އިއްޔެ އިއުލާންކޮށްފަ އެވެ. އެ ޕޯސްޓްގައިވާ ގޮތުން ޝާރުޖާ އަށް ނިސްބަތްވާ އާމިރާއާ އަބްދޫ އެންގޭޖްވީ މިދިޔަ މަހުގެ 24 ގަ އެވެ.
ނަމަވެސް އާމިރާއާ ބެހޭ މާ ގިނަ މައުލޫމާތެއް މިހާތަނަކަށް ލިބިފައެއް ނުވެ އެވެ. އެންގޭޖްމަންޓް ފޮޓޯތަކުގައި އޭނަގެ މޫނު ވެސް ދައްކައިފައެއް ނުވެ އެވެ.
ލަވަކިޔުންތެރިއެއްގެ ގޮތުގައި އާންމުންގެ ސަމާލުކަން ހޯދި އިސްކޮޅުން ކުރު ފަންނާނު، ގިނަ ބައެއްގެ މެދުގައި އެންމެ ބޮޑަށް މަޝްހޫރުވީ ބޮލީވުޑްގެ ތަރި ސަލްމާން ޚާން ހޯސްޓްކުރަމުން އަންނަ ކަލާސް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 16 ވަނަ ސީޒަންގައި 2022-2023 އަށް ވާދަކުރުމުންނެވެ.
އެ ޝޯގެ ތެރޭގައި އަބްދޫ ވަނީ އޭގެ ބައިވެރިއެއް ކަމަށްވާ ބަތަލާ ނިމްރަތު ކޯރް ދެކެ ލޯބިވެވިފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ނިމްރަތު ވަނީ އަބްދޫގެ ހުށަހެޅުން ގަބޫލު ނުކޮށް، ނަމަވެސް އަބަދު ވެސް ގާތް އެކުވެރިއެއްގެ ގޮތުގައި ދެކޭނެ ކަމަށް ބުނެފަ އެވެ.
އަބްދޫ ބުނެފައިވާ ގޮތުގައި އޭނަ އާއި އާމިރާ ކައިވެނި ކުރާނީ ޖުލައި މަހުގެ 7 ގަ އެވެ.