Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ފަސް މިލިއަން ގަސް އިންދާ ޕްރޮގްރާމް ފަށަނީ

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދަން ނިންމާފައިވާ ޕްރޮގްރާމް މި އަހަރުގެ ތިމާވެށީގެ ދުވަހު ފަށަން ނިންމައިފި އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނޫ ޖޫން 5 އެވެ.

ފަސް މިލިއަން ގަސް ޕްރޮގްރާމާ ގުޅޭ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ މި ސަރުކާރުގެ ފަސް ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިިވާ ކަމެއް ކަމަށެވެ. އެކަން ރައީސް އިއުލާންކުރއްވީ ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ގުޅޭ ގޮތުން "ކޮޕް28" ސަމިޓްގަ އެވެ.

މިނިސްޓަރު ތޯރިހު ޕީއެސްއެމްގައި ވިދާޅުވީ ފަސް މިލިއަން ގަހަށް އަމާޒުކޮށްގެން އަންނަ މަހުގެ 5 ގައި ފަށާ ގަސް އިންދުމުގެ ޕްރޮގްރާމް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި ހަތަރު ބާވަތެއްގެ ގަސް އިންދާނެ އެވެ. އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި މޭވާ ގަހާއި ހިޔާ ލިބޭ ގަސްތަކާއި ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަހުގެ ބާވަތްތަކެވެ.

މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި 90 އަށް ވުރެ ގިނަ ބާވަތުގެ ގަސް އިންދާނެ ކަމަށެވެ. އަދި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެން ދިއުމަށްޓަކައު ރަށްތަކުގައި ނާސަރީތައް ހަދައި އާންމުނަށް ގަސް ލިބޭ އިންތިޒާމު ވެސް ހަމަޖައްސަވާނެ ކަމަށެވެ.