ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގަތުމާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ އެކު މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާ އަށް ވަޑައިގަނެފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވާފައެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ދަތުރުކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަން މިނިސްޓަރު ޒަމީރު ހާމަކުރެއްވީ އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ވަނީ ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންނެވިކަން ފާހަގަކޮށް، އިންޑިއާއަށް އަދިވެސް ވަޑައިނުގަންނަވާކަން ފާހަގަކޮށް ސުވާލު ކޮށްފައިވެއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ތުރުކީ އަދި ޗައިނާއަށް ފުރަތަމަ ވަޑައިގަތީ އެވަގުތަށް އެގޮތް ފަސޭހަވުމުން ކަމަށެވެ.
ޒަމީރު ވިދާޅުވީ ރައީސް މުއިއްޒު ފުރަތަމަ އިންޑިއާއަށް ވަޑައިގަތުމާ ގުޅޭގޮތުން އޭރު މަޝްވަރާ ކުރެވުނު ކަމަށާއި، އެހެންނަމަވެސް ދެފަރާތަށް ވެސް ފަސޭހަވާނީ އެ ދަތުރު ފަހުން ބޭއްވުމުން ކަމަށް ގަބޫލުކުރެވުމުން ދަތުރު ފަސްކުރެއްވީ ކަމަށެވެ. އަދި މިނިސްޓަރު ޒަމީރުގެ މިދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތުމާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ އެކު މަޝްވަރާ ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް މި ދަތުރު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
#WATCH | Delhi: On President Mohamed Muizzu visiting China and not India, as previous Presidents used to visit India as a tradition & India visit expectations, Foreign Minister of Maldives, Moosa Zameer says, "I dont think there is any military pact with China. One thing the… pic.twitter.com/Ov6t9bFIlM
— ANI (@ANI) May 9, 2024