Last Updated: November 29, 20:04
Friday, November 29, 2024
މުނިފޫހިފިލުވުން

"ބޯޑާ" ގެ ދެވަނަ ބައި 2026 ގައި

ބޮލީވުޑްގެ އެންމެ ކާމިޔާބު ހަނގުރާމަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޯޑާ" ގެ ދެވަނަ ބައި 2026 ގައި ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ޑައިރެކްޓަރު ޖޭޕީ ދައްތާ ބޮޑު ކާސްޓަކާ އެކީ 1997 ގައި ގެނެސްދިން ފިލްމުގެ ދެވަނަ ބައި ހަދަން ނިންމާފައި ވަނީ ބުޝަން ކުމާރުގެ ޓީ ސީރީޒްއާ ގުޅިގެން ކަމަށެވެ. އެގޮތުން ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށް އޮތް ތާރީހަކީ ޖެނުއަރީ 23، 2026 ކަމަށް އެ ނޫހުން ބުންޏެވެ.

"ބޯޑާ" ގެ ދެވަނަ ބައިގެ ވާހަކަ ދެކެވެމުން އަންނަތާ ގިނަ ދުވަސްތަކެއްވީ ނަމަވެސް މި ފިލްމު ރަސްމީކޮށް އަދިވެސް އިއުލާނެއް ނުކުރެ އެވެ. އަދި ކުރީގެ ފިލްމުގެ ކާސްޓުންގެ ތެރެއިން "ބޯޑާ 2" އާ ގުޅޭނީ ހަމައެކަނި ސަނީ ޑިއޯލް ކަމަށް މީޑިއާތަކުން ބުންޏެވެ. އާ ފިލްމުގެ ކާސްޓްގައި އަޔޫޝްމަން ކްރާނާ ވެސް ހިމެނޭ ކަމަށާއި އިތުރު ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ޕިންކްވިލާ އިން ބުނީ ޖޭޕީ ދައްތާގެ ބަދަލުގައި "ބޯޑާ 2" ގެ ޑައިރެކްޓްކުރާނީ އަނޫރާގް ސިންގް ކަމަށެވެ. އޭނަ އަކީ އަކްޝޭ ކުމާރުގެ 2019 ގެ ތާރީހީ ހަނގުރާމަ ފިލްމު "ކޭސަރީ" ގެނެސްދިން ޑައިރެކްޓަރެވެ.

ޖޭޕީ ދައްތާ، 74، އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2018 ގެ ހަނގުރާމަ ފިލްމު "ޕަލްޓާން" އެވެ.

ޖޫން 13، 1997 ގައި ރިލީޒްކުރި ""ބޯޑާ" އަކީ އެންމެ 10 ކްރޯޑް ރުޕީސް (1.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އެއަށް ބޮކްސް އޮފީހުގައި 65.75 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު އިރު، މީގެ ކާސްޓްގައި ސުނިލް ޝެޓީ، އަކްޝޭ ކަންނާ، ޖެކީ ޝްރޮފް، ތައްބޫ އަދި ޕޫޖާ ބަޓް ފަދަ ތަރިން ހިމެނެ އެވެ.

"ބޯޑާ" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމަ އަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ. އައްނޫ މަލިކް މިއުޒިކް ހޯދި ފިލްމުގެ ލަވަތަކުގެ ތެރެއިން "ސަދޭ ސޭ އާތޭ ހޭ" އަކީ ގައުމީ ރޫހު އާލާކޮށްދޭ ވަރަށް އަސަރު ގަދަ އަދި މިހާރު ވެސް އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރު ލަވައެކެވެ.