އިންޑިއާއާ އެކީ ރާއްޖެ ބާއްވަމުން އަންނަ ގުޅުމަށް ހީނަރުކަން އަންނަ އަންނަ ކަހަލަ ސިޔާސުތައް ނުގެންގުޅޭނެ ކަމަށާއި އެ ގައުމާ އަބަދު ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިދިޔަ ބުދަ ދުވަހު އިންޑިއާ އަށް ކުރެއްވި ދަތުރު އިއްޔެ ނިންމަވާލައްވައި ވަޑައިގަތުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ވިދާޅުވީ އިންޑިއާ އަކީ އަބަދު ވެސް ރާއްޖެ އަށް ދިމާވާ ކަންކަމުގައި އެހީވަމުން އަންނަ ގާތް އެކުވެރިއެއް ކަމަށެވެ. ޒަމީރު ވިދާޅުވި ގޮތުގައި ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ މިހާރު އޮތް އިރު މިހާ ހިސާބަށް ރާއްޖެ އަށް އެހީތެރިވުމުގައި އެންމެ ގިނަ ދުވަސް ވަންދެން ދެމިއޮތީ އިންޑިއާ އެވެ. އަދި އިންޑިއާ އަކީ ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލައިން ރާއްޖެ ސަލާމަތް ކުރުމުގައި ވެސް އެންމެ އިސް ރޯލެއް އަދާކުރި ގައުމު ކަމަށް ވިދާޅުވި އެވެ. އިންޑިއާ އިން ލިބުނު އެހީތެރިކަމެވެ.
"އަދިވެސް ރާއްޖެ އަށް ދިމާވާ ކަންކަމުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިއާ ބޮޑު އިންތިހާބެއްގެ ތެރޭގައި އޭނަ އެ މަނިކުފާ އެ ގައުމަށް ވަޑައިގަތުމުން ސަރުކާރުން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.
"އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވެސް ދިއްލީ އަށް ވަޑައިގެން އަޅުގަނޑާ ބައްދަލުކޮށް، އަޅުގަނޑާ އެކު މަޝްވަރާކޮށް، ކަންކަމުގައި އަޅުގަނޑުމެންނާ އެކު ކުރިއަށް ދާނެ މަގުތައް ރާވައި، މި ކަމުގައި ބައިވެރިވެފައި އަނެއްކާވެސް އެނބުރި ކެމްޕެއިނަށް ވަޑައިގަތީ،" އޭނަ ވިދާޅުވި އެެވެ. "އެހެންވީމާ އަޅުގަނޑުމެންނާއި އިންޑިއާ އޮތީ ވަރަށް ގާތް ގުޅުމެއް."
ޒަމީރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އަބަދު ވެސް އެގޮތުގައި ދެމިއޮންނާނެ ކަމަށާއި ދެ ގައުމުގެ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށެވެ.