ކައުންސިލް އިދާރާތަކުގެ އާ އޮފީސްތައް އިމާރާތް ކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގައި މިނިސްޓަރު ވިދާޅުވީ އާ އޮފީސްތައް އިމާރާތް ކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އި އެކަމަށް ހާއްސަ އުސޫލެއް ވެސް ހަދާފައިވާ ކަމަށެވެ.
މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކައުންސިލް އިދާރާތަކިގެ އޮފީސް އިމާރާތްތައް އިމާރާތްކުރުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ ޖާގަ އާއި ވަސީލަތްތަކުގެ ދަތިކަން އެންމެ ބޮޑަށް ހުރި ކައުންސިލްތަކަށް އިސްކަން ދީގެންނެވެ. އަދި އޮފީސްތައް ހަދާނީ އެކަށީގެންވާ ޖާގައާއި ޒަމާނީ ވަޞީލަތްތައް ހިމަނައިގެން ޒަމާނަށް އަންނަމުން އަންނަ ބަދަލުތަކާ އެކީ އިތުރަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ޤާއިމްކުރެވޭނެ އިންތިޒާމްތަކާ އެކީގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މަޝްރޫއު މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.