ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ގައުމީ ސާފިން ޓީމުތަކުގެ ރަސްމީ ސްޕޮންސަރަކަށްވާން ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިކަމާ ބެހޭ ގައުމީ ބޭންލުން މިއަދު ބުނީ މި ޕާޓްނަޝިޕްގެ ދަށުން އެ ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނެޝަނަލް ޖޫނިއަ ސާފިން ޗެންޕިއަންޝިޕަށް ވެސް ބީއެމްއެލްގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ސާފިން އަކީ ރާއްޖޭގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށެވެ.
"ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ވެސް މި ކުޅިވަރަށް ވަރަށް ބޮޑަށް ޝައުގުވެރިވޭ. ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ކާމިޔާބު ހޯދުމުގެ ހުނަރު ސަރފިންގެ އެތުލީޓުންގެ ފަރާތުން ފެނޭ،" އޭނަ ވިދާޅުވި އެވެ. "މީގެ ކުރިން ވެސް އެތުލީޓުން ވަނީ އެކަން ހާމަކޮށް ދީފައި."
އެމްއެސްއޭގެ ރައީސް، މުހައްމަދު ސަބާހު ވިދާޅުވީ ބީއެމްއެލް އިސްލާމިކްއާ ގުޅިގެން ޕާޓްނާޝިޕް ދެމެހެއްޓޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމީ ޓީމުތަކަށް ދެއްވާ އެހީ އާއި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި އަޅުގަނޑުމެންގެ ޒުވާން އެތުލީޓުން ކުރިއަރުވަން ބޭންކުން ކުރާ މަސައްކަތް ނުހަނު އުފަލާއެކު ފާހަގަކުރަން." އޭނަ ވިދާޅުވި އެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތަކުގެ ދަށުން ބީއެމްއެލް އިން އަންނަނީ މުހިންމު ދަރުރެއް އަދާކުރަމުންނެވެ. މީގެ ބޭންކުން އަންނަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އެތުލީޓުން ކުރިއެރުވުމަށް ސްޕޯޓްސް ސްކޮލަޝިޕެއް ވެސް ދެމުންނެވެ.