Last Updated: January 17, 11:11
Friday, January 17, 2025
ޚަބަރު

ހަ އަހަރު ތެރޭ ޖިންސީ ކުށުގެ 2000 އަށްވުރެ ގިނަ މައްސަލަ

ޖިންސީ އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: އަވަސް

ހަ އަހަރުގެ ތެރޭގައި ޖިންސީ ކުށުގެ 2000 އަށް ވުރެ ގިނަ މަސައްކަތް ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ތައްޔާރުކުރި ރިޕޯޓަކުން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މި ރިޕޯޓް ތައްޔާރު ކޮށްފައިވަނީ، ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ މަޖިލީހަށް ހުށަހެޅި ޤަރާރަކާ ގުޅިގެންނެވެ. މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރުއެވެ.

މި ޤަރާރާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ތައްޔާރުކުރި ރިޕޯޓް މަޖިލީހުގެ ތަޅުމުގައި އިއްވާފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައެވެ. މި ރިޕޯޓުގައި ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމުގެ ގޮތުގައި ބުނެފައިވަނީ، ޖިންސީ ގޯނާކޮށްގެން ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ ގިނަ މައްސަލަތަކަކީ ޖިންސީ ގޯނާއާ ގުޅިގެން ވަކިކަމެއް ކުރާނެ ކަމަށް ޑިމާންޑްކޮށް ބްލެކްމެއިލް ކުރާ މައްސަލަތައް ކަމަށެވެ.

ރިޕޯޓްގައި ބުނެފައިވަނި ޖިންސީ ގޯނާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތުގެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ނެގުމަށާއި ޑޮކްޓަރުން ބަލަންޖެހޭ ކަންކަން ބެލުމަށް އަނިޔާ ލިބޭ ފަރާތް ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންގޮސް ހަދަންޖެހޭ ޓެސްޓުތައް ހެދޭނެ ވަސީލަތްތައް ގިނަ ރަށްރަށުގައި ޤާއިމުކޮށްފައި ނުވާކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ސައިކޮލޮޖިސްޓަކަށް ދައްކައިގެން ހަދަންޖެހޭ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓެއް ހެދޭނެފަދަ ހިދުމަތްދޭ ތަންތަން ރާއްޖޭގައި މަދުވުމުގެ ސަބަބުން އެކަށީގެންވާ އަވަސްމިނެއްގައި އެފަދަ ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަވާ ކަމަން ފުލުހުން ފާހަގަ ކޮށްފައިވާކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

2018 އިން 2023 ގެ ނިޔަލަށް ޖިންސީ މައްސަލަތައް ފުލުހުންނަށް ހުށަހެޅުނު އަދަދުތައް:
* 2018 ވަނަ އަހަރު 362 މައްސަލަ
* 2019 ވަނަ އަހަރު 410 މައްސަލަ
* 2020 ވަނަ އަހަރު 487 މައްސަލަ
* 2021 ވަނަ އަހަރު 342 މައްސަލަ
* 2022 ވަނަ އަހަރު 334 މައްސަލަ
* 2023 ވަނަ އަހަރު 234 މައްސަލަ

ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން 2023 ގެ އޮކްޓޫބަރުގެ ނިޔަލަށް ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުތަކަށް ޖުމުލަ 47 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސާބިތުވެފައިވަނީ 10 މައްސަލައެއް ކަމަށާއި އަދި 8 މައްސަލައެއް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާކަމަށެވެ.

މީގެއިތުރުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވަނީ، ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ރޭޕް އެވިޑެންސް ކިޓް ދައުލަތުގެ ހުރިހާ ސިއްހީ އިދާރާތަކަށް ފޯރުކޮށްދީފައިނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހުރިހާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ރޭޕް އެވިޑެންސް ކިޓް 2024 ވަނަ އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށްވެސް ހުށަހަޅާފައިވެއެވެ.