Last Updated: January 17, 11:11
Friday, January 17, 2025
ޚަބަރު

ބީއެމްއެލްއިން ވީޗެޓް ޕޭއިން ފައިސާ ދެއްކޭ ގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވީޗެޓް ޕޭ، ބީއެމްއެކްގެ ކާޑު މެޝިންތަކުން ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މިއާއެކު، ވީޗެޓް ޕޭ ކިއުއާރު ޕޭމަންޓްތައް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެ ކަމަށެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.

މި ހިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މި ހިދުމަތް ފަށާފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީފްރީ ގައި ހިމެނޭ ވިޔަފާރިތަކުން ކަމަށެވެ. ބޭންކުގެ ޕީއޯއެސް ނެޓްވޯކްގައި ވީޗެޓް ޕޭ ބަލައިގަނޭވޭ ގޮތަށް ހަމަޖެހިގެން ދިޔުމާއެކު، ވެއިޝިން އަދި ވީޗެޓް ޕްލެޓްފޯމް ބޭނުންކުރާ 1 ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ދިވެހިރާއްޖޭގެ ކޮންމެ ސަރަހައްދެގައި ގާއިމުވެފައިވާ ވިޔަފާރިއަކަށްވެސް ފައިސާދެއްކޭނެ ގޮތް ފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން. މިގެނެވުނު ބަދަލާއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުން އިހްތިޔާރުކުރާ ގޮތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެގޮތް މިވަނީ ހަމަޖެހިގެންގޮސްފައި." މޫސާ ނިމާލް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި މަރޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.