ވިއްސާރާގައި ހއ. ދިއްދޫ ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ރޭ ފަތިހު އެރަށަށް ކުރި ވިއްސާރާގައި ރޯ ހައުސްތައް ހުރި ސަރަހައްދުން ހަ ރޯ ހައުސްއެއްގެ ފުރާޅުގެ ޓިނުތައް ވަނީ އެއްލާލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫ ކައުންސިލުން އަންނަނީ ފުރާޅު އެއްލާލި ރޯހައުސްތަކުގައި ފުރާޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ތަންތަނުގައި ދިރިއުޅެމުންދިޔަ ފަރާތްތައް ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ.
ރޭގެ ވިއްސާރާގައި ދިއްދޫގެ ގެއްލުންލިބުނު ގެތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ. އަދި އެ މައުލޫމާތު ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް އެންގުމުގެ މަސައްކަތްވެސް ކުރަމުން ގެންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރޯހައުސްތަކަށް ލިބިފައިވާ ގެއްލުން ބަލަމުންގެންދާއިރު އެރަށުގެ ބައެއް އެހެން ގެތަކަށްވެސް ގެއްލުންވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.