މޯލްޑިވްސް މީޑިއާ ކައުންސިލުގެ އާންމު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޔޫތް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، މީޑިއާ ކައުންސިލްގެ އާންމު މެންބަރުންގެ ތެރެއިން އިތުރު މެންބަރެއްގެ މަގާމް ހުސްވެފައިވާތީ، އެމަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.
އިއުލާނުގައި ބުނެފައިވަނީ އާންމު މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތްތައް ސެލެކްޓް ކުރުމުގައި ދެ ކަމަކަށް އިސްކަން ދެވޭނެ ކަމަށެވެ. އެއީ ޤާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްޤުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއިން ނުވަތަ އިޖްތިމާއީ ސައިންސަސް ގެ ދާއިރާއަކުން މަތީ ތައްލީމު ހާސިލްކޮށްފައިވުން އަދި އިޖްތިމާއީ ތަރައްޤީއާއި ދުޅަހެޔޮ ކަމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން ކަމަށެވެ.
މީޑިއާ ކައުންސިލުގެ އާންމު މެންބަރުކަމަށް އެދޭ ފަރާތްތަކުން 23 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މީޑިއާ ކައުންސިލް އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ޔޫތް މިނިސްޓްރީގެ މެއިލް (info@youth.gov.mv) އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.