Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ރާއްޖެ އާއި ޔޫކޭ އިން ވިޔަފާރި ފުޅާކުރަން މަޝްވަރާކޮށްފި

ރާއްޖެ އާއި އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރަން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިހާރު އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެގައުމުގެ ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގްރެގް ހޭންޑްސްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖެ އާއި އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ކަމަށާއި އިނގިރޭސިވިލާތުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ފައިނޭންޝަލް ސާވިސް އިންޑްސްޓްރީ ތަރައްގީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.

ސައީދު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ހަރުދަނާ މާލީ ބާޒާރެއް ގާއިމުކުރުމަށް އިނގިރޭސިވިލާތުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން މިނިސްޓަރު ސައީދުގެ މި ދަތުރުފުޅުގައި އިނގިރޭސި ސަރުކާރުގެ އެކި ފަރާތްތަކާއި، ހައުސް އޮފް ލޯޑްސް އަދި އިނގިރޭސިވިލާތުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.