މާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު 5 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގާފައިވަނީ މޭ 14 ވަނަ ދުވަހު ކަމަށެވެ.
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފަސް ފިރިހެނުންނެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ މީހުންތިބި އެޕާޓްމަންޓު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 29 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ އިދާރާގެ ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.