Last Updated: January 16, 22:08
Thursday, January 16, 2025
ޚަބަރު

ފެންބޮޑުވުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

ކުރިއަށް އޮތް ފަސް ދުވަހު މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ފެންބޮޑުވުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ، ބުރާސްފަރި ދުވަހުގެ ރޭން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެންޑީއެމްއޭއިން ވަނީ ވިއްސާރަވެ ފެންބޮޑުވާ ހާލަތުގައި ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް ހިއްސާކޮށްފައެވެ. އެގޮތުން ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމުގެ ގޮތުން ގޭގެ ކުރިމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެހިދާނެއެވެ. އަދި ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަނަކަށް ބަދަލުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ. އަދި އުސްތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ވެސް ބަދަލުކުރުމަށް އިރުޝާދު ދީފައިވެއެވެ.

މީގެއިތުރުން ދަނޑުވެރިކަން ކުރައްވާ ފަރާތްތަކުން، ދަނޑުތަކުގައި ފެންބޮޑުވެ ގަސްގަހާގެއްސަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށްވެސް އިރުޝާދު ދީފައިވެއެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުމަށްވެސް އިރުޝާދު ދިފައިވެއެވެ. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީން ކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެފައިވާއިރު މޫސުމީ އެލާޓްތައް ދޭތެރެ ދޭތެރެއިން މެޓް އޮފީހުން އަންނަނީ ނެރެމުންނެވެ.