Last Updated: September 8, 03:07
Saturday, September 7, 2024
ޚަބަރު

އަނެއްކާވެސް ކުޅުދުއްފުށިން ކަރަންޓު ކަނޑަނީ

އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކުޅުދުއްފުށި ސިޓީން އަނެއްކާވެސް ކަރަންޓު ކަނޑަން ފަށައިފި އެވެެ.

ކުޅުދުއްފުށީ ފެނަކަ ބްރާންޗުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެއް މެގަވޮޓްގެ އިންޖީނަކަށް މައްސަލައެއް ދިމާވެފައިވާ ކަމަށާއި މައްސަލަ ހައްލު ކުރެވެންދެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ. ކަރަންޓު ކެނޑޭތާ އެއް ގަޑިއިރު ފަހުން އަލުން ކަރަންޓު ދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައި ވާގޮތުން ކަރަންޓު މެދުކަނޑާނީ ޝެޑިއުލްކޮށްގެންނެވެ. ޝެޑިއުލްގައިވާ ގޮތުން ކަރަންޓު ކަނޑާނީ މެންދުރު 12 އިން ރޭގަނޑު 8 އަށެވެ.
ކަރަންޓު ކަނޑަން ނިންމާފައިވާ ޝެޑިއުލް އެ ބްރާންޗުގެ ފޭސްބުކް ޕޭޖުގައި އާންމުކުރަމުން ދާނެ ކަމަށް ބުނެފައިވެ އެވެ.

މައްސަލަ ހައްލުވަންދެން ކަރަންޓު ބޭނުންކުރާ މިންވަރު ކުޑަކުރަން އިލްތިމާސްކޮށްފައިވާއިރު، ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު ވެސް ކަރަންޓު އައުމުގެ ކުރިން
އިލެކްޓްރޯނިކް އަދި އިލެކްޓްރިކް ހުރިހާ އެެއްޗެއްގެ ސުވިޗު އޯފްކޮށްފައި ބަހައްޓަން ވެސް ވަނީ އެދިފަ އެވެ.

އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާއިރު، އެ ބްރާންޗުން ވަނީ މިކަމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ ހުރިހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.