Last Updated: January 10, 05:54
Friday, January 10, 2025
ޚަބަރު

ސްލޮވާކިއާ ބޮޑުވަޒީރުގެ ފުރާނައަށް މިހާރު ނުރައްކަލެއް ނެތް

ބަޑީގެ ހަމަލާއަށްފަހު ސްލޮވާކިއާގެ ބޮޑުވަޒީރު ހޮސްޕިޓަލަށް ގެންދަނީ- ފޮޓޯ: އޭއެފްޕީ

ބަޑިޖަހާ ޒަހަމު ކޮށްލި ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯގެ ފުރާނައަށް މިހާރު ނުރައްކަލެއް ނެތްކަމަށް އޭނާގެ ނައިބާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ސްލޮވާކިއާގެ ބޮޑުވަޒީރު އަވަހާރަ ކޮށްލުމަށް ބަޑީގެ ހަމަލާއެއް ދީފައިވަނީ ބައްދަލުވުމަކަށްފަހު ސަޕޯޓަރުންނާ ސަލާން ކުރަންދިޔަ ވަގުތުއެވެ. އޭނާއާ ވަރަށް ކައިރީގައި ހުރެ ބަޑިން ދިން ހަމަލާގައި 5 ފަހަރު ބަޑިޖަހާފައިވެއެވެ. ބަޑިން ހަމަލާ ދިނުމާއެކު ބޮޑުވަޒީރު ރޮބާޓް ފީކޯއަށް ފަރުވާދިނުމަށް ވަނީ ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ހޮސްޕިޓަލަށް ގެންދިއުމަށްފަހު ބޮޑުވަޒީރު ވަނީ ދިގު އޮޕަރޭޝަންތަކެއް ކޮށްފައެވެ. އަދި އޭގެފަހުން މިހާރު ހާލު ރަނގަޅުވަމުން އަންނަކަމަށާއި، ބޮޑުވަޒީރު ރޮބާޓް ފީކޯގެ ފުރާނައަށް މިހާރު ނުރައްކަލެއް ނެތްކަމަށް ބޮޑުވަޒީރުގެ ނައިބު ޓޮމާސް ތަރާބާއާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ބޮޑުވަޒީރު ފީކޯގެ ގަޔަށް ބަޑި ޖެހި މީހާ ވަނީ އެވަގުތު ހައްޔަރުކޮށްފައެވެ. އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް އެގައުމުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ސްލޮވާކިއާގެ އިންޓީރިއާ މިނިސްޓަރު ބުނެފައިވަނީ މި ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދެވުނު ހަމަލާއެއްކަމަށް ތަހުގީގަށް މިހާތަނަށް ބެލެވޭ ކަމަށެވެ. އެ ގައުމުގެ މީޑިއާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ ހަމަލާދީފައިވަނީ 71 އަހަރުގެ މީހެއް ކަމަށާއި އޭނާއަކީ ލިޔުންތެރިއެއް އަދި ސިޔާސީ އެކްޓިވިސްޓެއް ކަމަށެވެ.

ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯ ފާހަގަކުރެވެނީ ރަޝިޔާއަށް ތާއީދުކުރާ އަދި އެމެރިކާއާ ދެކޮޅު ސިޔާސީ ލީޑަރެއްގެ ގޮތުގައެވެ. އަދި ޔޫކްރޭނަށް ފޮނުވާ އެހީ މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ފީކޯ ވަނީ ހުއްޓުވާފައެވެ.

މިއީ ފީކޯ ބޮޑުވަޒީރުގެ މަގާމު އަދާ ކުރައްވާ ތިން ވަނަ ދައުރެވެ.