Last Updated: September 8, 06:07
Sunday, September 8, 2024
ޚަބަރު

ކެންސަރު އިތުރުވާތީ ރާއްޖޭގައި ދިރާސާއެއް ހަދަނީ

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގައި ކެންސަރު ފަދަ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާ ސަބަބު ދެނެގަންނަން ދިރާސާއެއް ކުރުމަށް ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ކެންސަރު ފަދަ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އާދަޔާ ހިލާފަށް ގިނަވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިކަމުގެ ދިރާސާތަކެއް ކުރުމަށް ޑަބްލިއުއެޗްއޯގެ އެހީއަށް މިހާރު އެދިފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނީ ޑަބްލިއުއެޗްއޯގެ އެހީތެރި ކަމަށް ވެސް އެދިފައި އެކަމުގައި ދިރާސާތަކެއް ކޮށްދިނުމަށް. ފަންޑިން ހަމަޖެހުމާ އެއްކޮށް އެ މަސައްކަތް ވެސް ކުރިއަށް ގެންދާނަން،" ހަލީލު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކެންސަރުގެ ފަރުވާ އަކީ ވަރަށް އަގުބޮޑު ފަރުވާއެއް ކަމަށާއި އެގޮތުން ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވައިގެން އެކަމަށް ފަރުވާ ހޯދުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.

މާލެ ސަރަހައްދުގައި ކެންސަރު ހޮސްޕިޓަލެއް ހަދަން ސަރުކާރުން ނިންމާފައިވާއިރު މި ހޮސްޕިޓަލަކީ ކުރިން ލ. ގަމުގައި ހަދަން ނިންމާފައިވާ ހޮސްޕިޓަލެކެވެ. ނަމަވެސް އެތަން މާލެ ސަރަހައްދުގައި ހަދަން މި ސަރުކާރުން ނިންމީ މާލެ ސަރަހައްދުގައި ހަދަން ނިންމާފައި އޮތް މެންޓަލް ހޮސްޕިޓަލް ލ. އަތޮޅުގައި ހަދާ ގޮތަށް ބަދަލު ކުރުމަށް ފަހު އެވެ.

ކެންސަރު ހޮސްޕިޓަލް އަޅަން ނިންމާފައި ވަނީ ދުބާއީގެ ފަންޑެއްގެ ތެރެއިން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.