އެއްވެސް ރައްކާތެރި ކަމެއް ނެތް ގޮތަށް އައްޑޫގެ ބައެއް އަވަށްތަކުގައި ކަރަންޓް ކޭބަލްފޮށީ ހުންނާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އައްޑޫގެ އެކިއެކި އަވަށްތަކުން "ފަރުވާކުޑަކޮށް ދޫކޮށްލާފައިވާ" ކަރަންޓްކޭބަލް ފޮށިިތައް ގިނަކަން ފާހަގަކުރެވެ އެވެ. އެގޮތުން ބައެއް ފޮށިތަކުގެ ދޮރުތައް ހަލާވެފައިވާ އިރު، ބައެއް ފޮށިތައް ހަރުކޮށްފައި ހުރި ގޮތުން ކޭބަލްތައް ހުރީ ބޭރަށް ހާމައަށް ފެންނާނެ އެވެ. މިކަމާ ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ މި ގޮތަށް ދޫކޮށްލާފައި ހުރި ފޮށިތަކުގެ ސަބަބުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިފައިވާ ކަމަށެވެ.
މަގުތައް މަތީގައި އާންމުކޮށް ކުޑަކުދިން ކުޅެ ސަކަރާތް ޖަހަން އުޅޭ އިރު، މިފަދަ ކަރަންޓް ކޭބަލްތަކުގައި ކުދިން ހިފައި، ދަމައި ހަދައިގެން ނުރައްކާތެރި ހާދިސާއެއް ކުރިމަތިވުމުގެ ބިރުބޮޑުކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.
މަރަދޫ މީހަކު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އޭނަގެ ދަރިޔަކު އިއްޔެ އެފަދަ ކޭބަލްތަކެއްގައި ހިފައި ނުދެމީ ކިރިޔާ ކަމަށެވެ.
"މިއަށް ބަދަލު އަރާ ބަޔަކު ތިބި ނަމަ މި ރަނގަޅުކޮށްބަލަ،" އެ މީހާ ބުންޏެވެ. "ދަރިން ކުޅެން އުޅޭ އިރު އަތުން ކޭއްސިގެން ދާއިރު ކުދިން ކޮންމެ ފަދަ އެއްޗެއްގައި ވެސް އަތްލާން ދުވާނެ."
އެ ބެލެނިވެރިޔާ ބުނި ގޮތުގައި "ފަރުވާކުޑަކޮށް" ދޫކޮށްލާފައި ހުރި މިފަދަ ކަންކަމާ ހެދި ކުޑަކުއްޖަކަށް ނުރައްކަލަކާ ކުރިމަތިލާން ޖެހި ހާދިސާއެއް ހިނގިޔަސް އެކަމުގެ ޒިންމާ އެޅޭނީ މައިންފައިންގެ ބޮލުގައި."
އެހެންވެ ފެނަކަ ފަދަ ކުންފުނިތަކުން އާންމުންނަށް ނުރައްކާ ގޮތަށް ހުރި މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯދައި ދޭން އާންމުން ގޮވާފައިވެ އެވެ.