Last Updated: January 16, 22:08
Thursday, January 16, 2025
ރިޕޯޓް

ޢުލޫމުލް ޤުރްއާން (3)

(މެއި 11 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

* ކީރިތި ޤުރުއާނަށް ދެވިގެންވާ ނަންތައް:

ﷲ ތަޢާލާ ކީރިތި ޤުރުއާނަށް ވަރަށް ގިނަ ނަންތަކުން ނަން ދެއްވާފައިވެއެވެ. ކީރިތި ޤުރުއާނަށް ދެވިގެންވާ ނަންތައް ޖަމާކުރުމަށް ދަންނަބޭކަލުން މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. މިގޮތުން އަލްޙައްރާލީ އޭ ކިޔުނު ބޭކަލަކު ނުވަދިހަ އެތައް ނަމެއް ޖަމާކުރެއްވި އެވެ. އަދި އަބުލް މަޢާލީ ޝައިޛްލާ ފަންސާސް އެތައް ނަމެއް ޖަމާކުރައްވާފައިވެއެވެ. އަދި ފައިރޫޒްއާބާދީ ނުވަދިހަ ތިން ނަން ޖަމާކުރައްވާފައިވެ އެވެ.

އޭގެ ތެރެއިން އެންމެ މަޝްހޫރު ނަންތަކަކީ:

* "لقرآن" އަލްޤުރުއާން: {إِنَّ هَذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ} سورة الإسراء:9

މާނަ: "ހަމަކަށަވަރުން، މިޤުރުއާން، އެންމެ ސީދާ މަގަށް މަގުދައްކައެވެ."

* "الكتاب" އަލްކިތާބު: {لَقَدْ أَنْزَلْنَا إِلَيْكُمْ كِتَابًا فِيهِ ذِكْرُكُمْ} سورة الأنبياء: 10

މާނަ: "ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ޢިބްރަތާއި، ނަޞޭޙަތް އޭގައި އެކުލެވިގެންވާ ފޮތެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ."

* "الفرقان" އަލްފުރުޤާން: {تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا} سورة الفرقان: 1

މާނަ: "ޢާލަމްތަކަށް އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް ޤުރުއާން ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ".

* "الذكر" އައްޛިކުރު: {إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ} سورة الحجر: 9

މާނަ: "ހަމަކަށަވަރުން، ޤުރުއާން ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ ޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ."

* "التنزيل" އައްތަންޒީލު: {وَإِنَّهُ لَتَنْزِيلُ رَبِّ الْعَالَمِينَ} سورة الشعراء: 192

މާނަ: "ހަމަކަށަވަރުން، އެޤުރުއާނަކީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ."

* "الهدى" އަލްހުދާ: {هُدًى لِلْمُتَّقِين} سورة البقرة: 2

މާނަ: "(މިފޮތަކީ) ތަޤްވާވެރިންނަށްހުރި ހިދާޔަތެކެވެ."

"النور" އައްނޫރު: {فَآمِنُوا بِاللَّهِ وَرَسُولِهِ وَالنُّورِ الَّذِي أَنزَلْنَا} سورة التغابن: 8

މާނަ: "ފަހެ، ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ ރަސޫލާއަށާއި، ތިމަންރަސްކަލާނގެ ބާވައިލެއްވި ނޫރަށް (އެބަހީ: ޤުރުއާނަށް) އީމާންވާށެވެ!"

މި ނޫން ވެސް ވަރަށް ގިނަ ނަންތަކުން ކީރިތި ޤުރުއާނަށް ނަންދެވިގެންވެ އެވެ. އޭގެ ތެރޭގައި: އަލްބުރުހާން، އަލްޙައްޤު، އަލްވަޙްޔު، އަލްޙުކުމު، އަލްޙިކްމަތު، ކަލާމު ﷲ ފަދަ ނަންތައް ހިމެނެ އެވެ. (ނުނިމޭ)

ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.