ޓެކްސީގެ ދަތުރުތަކުގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ނާއިބް އަލީ މުހައްމަދު ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވިދާޅުވީ ޓެކްސީގެ އަގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މީޓަރު ޓެކްސީ ތައާރަފް ކުރުމުން ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ މަސައްކަތްތަކުގެ ތެރެއިން ދިރާސާއެއް ވެސް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ރާއްޖެ އަށް މީޓަރު ޓެކްސީ ތައާރަފުވާން ރައްޔިތުންގެ އިތުރުން ޓެކްސީ ޑްރައިވަރުން ވެސް ބޭނުންވާ ކަމަށެވެ. އެހެންވެ ކަމާގުޅޭ ހުރިހާ ފަރާތްތަކާ އެކީ ބައްދަލުވުންތަކެއް ވެސް ބާއްވައި މަޝްވަރާކޮށްފައިވާކަން ފާހަގަކުރައްވައި އޭނަ ވިދާޅުވީ މީޓަރު ޓެކްސީ ތައާރަފް ކުރުމަށް ފްރޭމް ވޯކެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.
އަލީ ވިދާޅުވީ ރާއްޖެ އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީވަމުން އަންނަ އިރު، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ވާން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ ވިސްނުމަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކީ އެކު މީޓަރުގެ ޓެކްސީގެ ހިދުމަތާ އެކީ ކުރިއަށް ދިއުން ކަމަށް ވިދާޅުވިއެވެ.
"ދިރާސާގެ އަލީގައި ދެންމެކުރިން ފާހަގަކުރި ގޮތަށް އަޅުގަނޑުމެން ސްކޭޓްހޯލްޑަސްއާއެކު އަޅުގަނޑުމެން ބައްދަލުވުންތައް ބާއްވާފިން. ޑްރައިވަރުންނާއެކު ބައްދަލުވުންތައް ބާއްވައިފިން. މި އެޕްތައް ގެންގުޅޭ ފަރާތްތަކާއެކު އަޅުގަނޑުމެން ބައްދަލުވުންތައް ބާއްވައިފިން،" އަލީ ވިދާޅުވި އެވެ. "އަދި ހަމައެގޮތަށް ޓެކްސީ ސެންޓަރުތަކާއެކު ވެސް ބައްދަލުވުންތައް ބާއްވައިފިން. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ މުޅި މައްސަލާގައި ޖުމްލަ ހައްލެއް އަޅުގަނޑުމެންނަށް ލިބިގެން ދާނީ މިޓަރު ޓެކްސީ ތައާރަފް ކުރެވިގެން ކަމަށް."
އޭނަ ވިދާޅުވީ މިކަމާ ގުޅޭ ފްރޭމް ވޯކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ވަރަށް އަވަސް މުސްތަގުބަލެއްގައި މީޓަރު ޓެކްސީ ތައާރަފު ކުރެވޭނެ ކަމަށެވެ.
"ރައްޔިތުން ވެސް ތިބީ މިކަމަށް ވަރަށް ބޭނުންވެފައޭ." އަލީ ވިދާޅުވި އެވެ.
ރާއްޖޭގައި މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މީޓަރު ޓެކްސީ ތައާރަފު ކުރުމުގެ ވާހަކަތަކެއް ދެކެވިފައިވެ އެވެ.