ބޮލީވުޑްގެ ޒުވާން ތަރި ޓައިގާ ޝްރޮފްގެ މި ފަހުން ރިލީޒްވި ހުރިހާ ފިލްމުތަކެއް ޕްލޮލްވުމާ ގުޅިގެން އޭނަ ފިލްމު ކުޅެދޭ އަގު ކުޑަކުރަން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން މިހާރު ޑިމާންޑްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޓައިގާ އަށް މިހާރު އޮތް ގޮތަކީ ފިލްމު ކުޅެދޭ އަގު 70 ޕަސެންޓަށް ދަށްކުރުމެވެ. އަދި އެކަމަށް ވަރަށް ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އެދެމުންދާ ކަމަށް ބުނެފައިވެ އެވެ.
މީޑިއާތަކުން ބުނީ އަގު ކުޑަނުކުރާ ނަމަ، މި ދަނޑިވަޅުގައި ދެން ޓައިގާ ހިމަނައިގެން ބޮޑު ބަޖެޓް ފިލްމު ހެދުމުގެ ރިސްކް ނަގާކަށް ފިލްމު އުފައްދާ މީހުން ބޭނުމެއް ނުވެ އެވެ. ސަބަބަކީ މި ފަހުން ރިލީޒްވި އޭނަގެ ބޮޑު ބަޖެޓް ގިނަ ފިލްމުތަކެއް ބޮކްސް އޮފީހުގައި ފެނަށްވެފައިވާތީ ޓައިގާ އަކީ މިހާރު "ބޭންކަބްލް" އެކްޓަރެއްގެ ގޮތުގައި ދެކެން ފިލްމު ހަދާ މީހުން ޖެހިލުންވަމުން ދިއުމެވެ.
މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު، ޓައިގާ އެވްރެޖްކޮށް، ފިލްމަކަށް ޗާޖްކުރަމުން އަންނަނީ 25 ކްރޯޑް ރުޕީސް (3 މިލިއަން ޑޮލަރު) އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ފްލޮޕްވި "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ .
މި ފިލްމުގެ ކުރިން ރިލީޒްވި ޓައިގާގެ ފިލްމުތަކަށް ބަލާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި "ގަނަޕަތު" އާއި 2022 ގެ "ހީރޯޕަންތީ" އަކީ ވެސް ވަރަށް ފިނި ތަރުހީބެއް ލިބުނު ފިލްމުތަކެވެ.
ބޮލިވުޑްގެ މިހާރުގެ ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ޓައިގާގެ އެންމެ ފަހުގެ ބޮޑު ހިޓަކީ ރިތިކް ރޯޝަނާ އެކީ ކުޅުނު 2019 ގެ "ވޯ" އެވެ. އޭގެ ފަހުން 2020 ގައި އޭނަގެ "ބާގީ 3" ރިލީޒްކޮށް، ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނު ނަމަވެސް 2018 ގެ "ބާގީ 2" އަކީ ޓައިގާގެ އެންމެ ކާމިޔާބު ސޯލޯ ހިޓެވެ.
އޭނަގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ އޮގަސްޓްގައި ގެނެސްދޭން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" އެވެ. ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސް އަށް ނިސްބަތްވާ ފިލްމުގައި ޓައިގާ ފެންނާނީ ސަޕޯޓިން ރޯލަކުންނެވެ.
ބާރަށް ކުރިއަރަމުން އައި 34 އަހަރުގެ އެކްޓަރުގެ ފިލްމުތައް ފުލުފުލުގައި ފްލޮޕްވެ، ފިލްމު ކުޅެދޭ އަގު ކުޑަކުރަން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ޑިމާންޑް ކުރަމުން އަންނަ އިރު، މި ވަގުތު އިތުރު އެއްވެސް އާ ޕްރޮޖެކްޓެއް ޓައިގާގެ އަތަކު ނެތެވެ. އެހެންވެ މިއީ އޭނަ އަށް އަގު ދަށްކުރަން މަޖުބޫރުވާނެ ހާތަލެއް ކަމަށް ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.