ބަޑިޖަހާ ޒަހަމު ކޮށްލި ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯގެ އިތުރު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ހާލު އަދިވެސް ސީރިއަސް ކަމަށް ބޮޑުވަޒީރުގެ ނައިބު ރޮބާޓް ކަލިނަކް ވިދާޅުވެއްޖެއެވެ.
ސްލޮވާކިއާގެ ބޮޑުވަޒީރު އަވަހާރަ ކޮށްލުމަށް ބަޑީގެ ހަމަލާއެއް ދީފައިވަނީ ބުދަ ދުވަހުއެވެ.
ބޮޑުވަޒީރުގެ ނައިބު ރޮބާޓް ކަލިނަކްއާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ ބޮޑުވަޒީރު ރޮބާޓް ފީކޯގެ ދެ ގަޑިއެއްހާއިރުވެސް ދިގު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި ބޮޑުވަޒީރު ފީކޯގެ ސީދާ ހާލަތު އެނގެން ދުވަސްކޮޅެއް ނަގާނެ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ބޮޑުވަޒީރު ފީކޯއަށް ބަޑީގެ ހަމަލާއެއް ދީފައިވަނީ ބައްދަލުވުމަކަށްފަހު ސަޕޯޓަރުންނާ ސަލާން ކުރަންދިޔަ ވަގުތުއެވެ. އޭނާއާ ވަރަށް ކައިރީގައި ހުރެ ބަޑިން ދިން ހަމަލާގައި 5 ފަހަރު ބަޑިޖަހާފައިވެއެވެ.
ބޮޑުވަޒީރު ފީކޯގެ ގަޔަށް ބަޑި ޖެހި މީހާ ވަނީ އެވަގުތު ހައްޔަރުކޮށްފައެވެ. އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް އެގައުމުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ސްލޮވާކިއާގެ ފުލުހުންނާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ މި މައްސަލައިގައި މީހަކަށް 'މީހަކު މަރާލަން އުޅުމުގެ ދައުވާ' ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެމީހާގެ އެއްވެސް ތަފްސީލެއް އެ ގައުމުގެ ރަސްމީ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ. އެ ގައުމުގެ މީޑިއާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ ހަމަލާދީފައިވަނީ 71 އަހަރުގެ މީހެއް ކަމަށާއި އޭނާއަކީ ލިޔުންތެރިއެއް އަދި ސިޔާސީ އެކްޓިވިސްޓެއް ކަމަށެވެ.
ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯ ފާހަގަކުރެވެނީ ރަޝިޔާއަށް ތާއީދުކުރާ އަދި އެމެރިކާއާ ދެކޮޅު ސިޔާސީ ލީޑަރެއްގެ ގޮތުގައެވެ. އަދި ޔޫކްރޭނަށް ފޮނުވާ އެހީ މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ފީކޯ ވަނީ ހުއްޓުވާފައެވެ.
މިއީ ފީކޯ ބޮޑުވަޒީރުގެ މަގާމު އަދާ ކުރައްވާ ތިން ވަނަ ދައުރެވެ.