މިއަހަރުގެ ފުރަތަމަ ހަތަރު މަހުުގެ ތެތޭގައި އާމްދަނީގެ ގޮތުގައި ދައުލަތަށް 12.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓު ދައްކާ ގޮތުން އާމްދަނީ އަށް ލިބުނު 12.4 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 10.2 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ދެ ބިލިއަން ރުފިޔާގެ އިތުރުން އެހީގެ ގޮތުގައި ލިބުނު 77.4 މިލިއަން ރުފިޔާ އެވެ.
މި އަދަދުތަކަކާ އެކީ މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 4.2 ޕަސެންޓްގެ އިތުރުވުމެކެވެ.
ޓެކްސް އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓު ޑިއުޓީ އާއި ބީޕީޓީ އާއި ޖީއެސްޓީން ލިބުނު އާމްދަނީ އެވެ.
ޓެކްސް އާމްދަނީގެ ހިސާބުތައް:
* އިމްޕޯޓް ޑިއުޓީ: 932 މިލިއަން ރުފިޔާ
* ބީޕީޓީ: 2.6 ބިލިއަން ރުފިޔާ
* ޖީއެސްޓީ: 5.8 ބިލިއަން ރުފިޔާ
* ގްރީން ޓެކްސް: 412.1 މިލިއަން ރުފިޔާ
* އެއާޕޯޓް ސަވިސް ޗާޖާއި ޑިޕާޗަ ޓެކްސް: 387.9 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރާއި އަޅާ ބަލާއިރު ދައުލަތުގެ ޚަރަދުތައް މިހާރު ކުޑަ އެވެ. އެގޮތުން އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ހުރީ 14.3 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ހަރަދަށް 16.1 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.
ޚަރަދުތަކުގެ ތެރޭގައި ރިކަރަންޓް ހަރަދަށް ހިނގި 11.2 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް ހިނގި ތިން ބިލިއަން ރުފިޔާ ހިމެނެ އެވެ.