ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް، އައްޑޫގެ ގެތައް ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މިފަދަ މުބާރާތެއް ބާއްވަން ކައުންސިލުން ނިންމީ އަންނަ މަހުގެ 16-22 އަށް އައްޑޫގައި ބޮޑު އީދި ކުލަގަދަކޮށް ފާހަގަކުރަން ކުރިއަށް ގެންދަން ނިންމާފައިވާ "އައްޑޫ އީދި ސަމާ" ގެ ތެރޭގައި ހިމަނައިގެންނެވެ.
ގެތައް ކުލަބޮކިތަކުން ދިއްލައި ޒީނަތްތެރި ކުރަން ހާއްސަ މުބާރާތުގެ އުސޫލުގައިވާ ގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ގޭބީސީއަކުން އެއް ފަރާތަށެވެ. މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ގޭބިސީއެއްގެ ވެސް ދޮރުމައްޗަށްވާ ސަރަހައްދު އާންމުކޮށް ފެންނާނެހެން، ރާއްޖޭގެ ޢީދުގެ ސަގާފަތާއި އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކުރަން ޖެހޭނެ އެވެ.
ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވުމަށް ޒީނަތްތެރިކޮށްފައިވާ ގެތަކުގެ ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ ގޭބިސީއަކުން ފޮނުވާ ފޮޓޯ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި އަންނަ މަހުގެ 18 ވަނަ ދުވަހު އާންމު ކުރާނެ އެވެ.
މި މުބާރާތުގެ ވަނަތައް ވަޒަން ކުރާނީ ސޯޝަލް މީޑިއާގައި ލިބޭ ލައިކްސް އާއި ހާޓް ރިއެކްޓްތަކަށް 80 ޕަސެންޓް މާކްސް އަދި ފަނޑިޔާރުންގެ ޕެނަލްގެ 20 ޕަސަންޓް މާކްސް އަށް ބަލައިގެންނެވެ.
ސޯޝަލް މީޑިއާ އިން ލިބޭ ރިއެކްޓްތައް ބަލައި ގަންނާނީ ޖޫން 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
އެންމެ ގިނަ ލައިކާއި ހާޓް ރިއެކްޓް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ފަނޑިޔާރުންގެ ޕެނަލުން އެންމެ ރީތި ތިން ވަނަ ހޮވާނެ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ގަ އެވެ.
ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ގެތައް ދިއްލައި ޒީނަތްތެރި ކުރެވިފައިވޭތޯ އެ އަވަށެއްގެ އަވަށު އޮފީހުން ބަލައި ޔަގީން ކުރާނެ ކަމަށެވެ.
މުބާރާތުުގެ ގަދަ ތިނެކަށް ހުށަހަޅާފައިވާ އިނާމުތަކަށް ބަލާ އިރު 15،000ރ. ދެވަނަ އަށް 10،000ރ. އަދި ތިން ވަނަ އަށް 5،000ރ. ހުށަހަޅާފައިވެ އެވެ.
މުބާރާތާ ބެހޭ އިތުރު މައުލޫމާތު ކައުންސިލް އިދާރާގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅައިގެން ހޯދޭނެ އެވެ.
އައްޑޫގެ ގޭބިސީތައް ދިއްލުމުގެ އިތުރުން އައްޑޫގައި ގާއިމުކޮށްފައިވާ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރި ކުރާ ތަންތަން ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތަކަށް ވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ގަދަ ތިނެކަށް ގޭބިސީ މުބާރާތަށް ދޭ އަދަދުން ފައިސާގެ އިނާމު ދޭން ހަމަޖެހިފައިވެ އެވެ.