Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ދިވެހިވަންތަކަން ހިމާޔަތްކުރަން އާސާރީ ތަރިކަ މުހިއްމު

ދިވެހިވަންތަކަން ހިމާޔަތްކުރެވޭނީ އާސާރީ ތަރިކަ ރައްކާތެރިކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ
ދިވެހިވަންތަކަން ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީ ތަރިކަތައް ރައްކާތެރިކޮށްގެން ކަމަށެވެ.

ރާއްޖޭގެ އާސާރީ ތަރިކަތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން އަންނަނީ މިހާރު ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އެގޮތުން ދިވެހި ބަހާއި ސގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީއެއް ވެސް އުފައްދާފައިވެ އެވެ.

އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް އުފެއްދުމާއި ދިވެހި މާއްދީ ތަރަކައިގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރަމުން އަންނަ މަސައްކަތްތައް ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގައި ނެތެމުންދާ ތަރިކަތަކަށް ފަރުވާދޭނެ ޚާއްޞަ ލެބޯޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތާއި ތަރިކަ ބެލެހެއްޓޭނެ ދިވެހި ޒުވާނުންގެ ފަންނީ ގުރޫޕެއް އުފެއްދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.