ސަރުކާރާ ކުރިމަތިލާން ކެރޭ ބަޔަކު ތިބި ނަމަ އަންނަންވީ ކަމަށާއި އެކަމާ ސަރުކާރުން ކުރިމަތިލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ 2018 ގެ ފޭދޫ ކެމްޕޭން އޮފީސް އޮފީސް ހުޅުވައި ދެއްވުމަށް ފަހު އަދީބް ވިދާޅުވީ ތާރީހުތަކެއް ކަނޑައަޅައިގެން ބަޔަކު ވެރިކަމާ ތޮޅެން ދިމާކުރަމުންދާ ކަމަށެވެ. އަދި އެއީ ރައީސް ޔާމީން ވައުދު ފުއްދަވަމުން ގެންދަވާތީ އެކަން ހަޖަމް ނުކުރެވިގެން ކަމަށް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ވަކި މީހަކު ހައްޔަރު ކުރީއޭ ކިޔާފައި ނުވަތަ އެ ބޭފުޅުން ސަލާމަތް ކުރާށޭ ކިޔާފައި ދޮގު ހަދައިގެން ބަޔަކު ވަދެ އަނެއްކާ ވެސް މި ފެންނަނީ ވެރިކަމާ ތޮޅެން އުޅޭ ތަން،" ޕީޕީއެމްގެ ނައިބް ރައީސްގެ މަގާމު ވެސް ފުރުއްވާ އަދީބް ވިދާޅުވި އެވެ. "އެކެއް މެއި ކީއް ކުރަން އެކެއް ޖޫން ވިޔަސް އަދި ކުރިން ކީ މޮޅު ފެބްރުއަރީ ހަތާވީސް ކަމަށް ވިޔަސް ކުތިމަތިލާން ކެރޭ ބަޔަކު ތިބި ނަމަ އަންނަންވީ. އަޅުގަނޑުމެން ސަރުކާރު މިއޮތީ ތައްޔާރަށޭ."
އަދީބް އަދި ވިދާޅުވީ އެއްވެސް ޒުވާނެއްގެ ނުވަތަ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ މީހެއްގެ ގައިގައި ކޫރުމެއް އަޅާލިޔަސް އެކަން ސަރުކާރަކުން ތަހައްމަލް ނުކުރާނެ ކަމަށެވެ.
"އެއްވެސއް ޒުވާނަކަށް ނުވަތަ އެއްވެސް ޕޮލިސް ފޯސްގެ އެއްވެސް ބޭފުޅަކަށް ސެކިއުރިޓީ ފޯސްގެ އެއްވެސް ބޭފުޅެއްގެ ގައިން ލޭ އޮހޮރުވުމެއް ކީއްކުރަންތީ ކޫރުމެއް އަޅާލިޔަސް އަޅުގަނޑުމެން އެކަމެއް ޓޮލަރޭޓް ނުކުރާނެ ވާހަކަ ހަރު އަޑުން ގޮވާލަން،" އޭނާ ވިދާޅުވި އެވެ.
އަދީބް ވިދާޅުވީ މުޅި ރާއްޖެ އޮތީ ސަރުކާރާ އެކުގައި ކަމަށެވެ.
"މި ސަރުކާރު ހިމާޔަތް ކުރަން ސަރުކާރާ ރައްޔިތުން ގުޅިގެން މި ތިބީ. އެހެންވީމާ ރައްޔިތުންނަށް ދަންނަވާލަން އޮތީ ކިތަންމެ ވަރަކަށް މަގުމައްޗަށް ބަޔަކު ނިކުމެ ދޮގު ހެދިޔަކަސް އަދި އެ ބޭފުޅުންގެ ފައިވާން ހުސްވަންދެން ހިނގިއަކަސް މަދު ބަޔަކު ނިކުމެ އަޑު ގަދަ ކުރިޔަސް އަޅުގަނޑުމެންގެ މެޖޯރިޓީއެއް ފުނޑުފުނޑެއް ނުކޮށްލެވޭނެ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ސަރުކާރަކީ ޖެހިލުމެއް ނެތި ހަމަހަމައިގެ އުސޫލުން ކޯޓުންތަކުން ނިންމާ ނިންމުންތައް ތަންފީޒުކޮށް ހުރިހާ ކަމެއް ކުރުމުގެ ގާބިލްކަން އޮތް ސަރުކާރެއްކަން ރައީސް ޔާމީން ވަނީ އަންގަވާ ދެއްވާފައި. އަޅުގަނޑުމެން ދާނީ ކުރިއަށް."