ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމަށް ޤައުމީ ދާރުލްއާސާރުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި އަހަރުގެ ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަހުގެ ޝިއާރަކީ، "ތަޢުލީމާއި ދިރާސާއަށްޓަކައި ދާރުލްއާސާރު" މިއެވެ. މި ޝިއާރުގެ މަގުސަދަކީ ދާރުލްއާސާރުތަކުގެ ތެރެއިން އިލްމު އުނގެނެވޭނެ ގޮތްތައް ހޯދުމާއި އެކަމަށް ހިތްވަރު ދިނުމެވެ.
ރާއްޖޭގެ ޤައުމީ ދާރުލްއާސާރުން މިދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ "ޒަމާންތަކުގެތެރެއިން ގޮނޑި" މި މައުޟޫއުގެދަށުން ދަރެހެއް ބާއްވާފައެވެ. މި ދަރެސް ބާއްވާފައިވަނީ ޤައުމީ ދާރުލްއާސާރުގައެވެ.
މި ދަރެހަކީ ޤައުމީ ދާރުލްއާސާރާއި އާކިޓެކްޓް އެސޯސިއޭޝަން މޯލްޑިވަސްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާއި، އޮޑިމޯ، އެޓޯލްސްކޭޕް އަދި ޑޮސައިން ގުޅިގެން އިންތިޒާމުކުރި ދަރެހެއް ކަމަށް މައުލޫމާތު ދީފައިވެއެވެ. މި ދަރެހުގައި އިހުގައި ބޭނުން ކުރެވުނު ގޮނޑިތަކުގެ ތާރީޚާއި ވައްޓަފާޅިއަށް އިލްމީ ނަޒަރަކުން އަލިއަޅުވާލައިފައިވާ ކަމަށާއި އަދި ދިވެހިރާއްޖޭގައި އިހުގައި ބޭނުންކޮށް އުޅުނު އާކިޓެކްޗަރއާއި ވަޑާމުގެ އުކުޅުތަކަށް ފަންނީ ގޮތުން އަލިއަޅުވާލާފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވއެވެ.
މި ހަރަކާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައިވެއެވެ. ވަޒީރުގެ ވާހަކަފުޅުގައި މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ކުރެވޭ މަސައްކަތްތަކާއި ގެނެވޭ ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ ތަރިކަ އަކީ ދިވެހީން އެއާއެކީ ދިރިއުޅޭ އެއްޗަކަށްވެ ދިވެހީންގެ ދިރިއުޅުމުގެ ބަޔަކަށް ތަރިކަ ވުން ކަމުގައި ވިދާޅުވެފައިވެއެވެ.
މި ދަރެހުގެ އިތުރުން ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޤައުމީ ދާރުލްއާސާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންތައްތަކުގެތެރެއިން، ދާރުލްއާސާރު ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން، މި މޭ މަހުގެ 19 އިން 23 އާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން އިރުއޮއްސި 06:00 އަށް ދާރުލްއާސާރު ހުޅުވިފައި ހުންނާނެއެވެ. އަދި މި މުއްދަތުގައި ޤައުމީ ދާރުލްއާސާރުގައި އިތުރު އިންޓަރެކްޓިވް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާއިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.