"ޕޮއެޓްރީ ތެރަޕީ" އަށް ދިވެހިން ކިޔާނެ ނަމަކީ "ޅެންފަރުވާ" ކަމަށް ކަނޑައަޅައިފި އެވެ.
އެ ނަން ފާސްކޮށްފައި ވަނީ ދިވެހި ބަހުގެ އެކެޑަމީގެ ބަސް ކޮމިޓީންނެވެ.
ބަހާ ބެހޭ މިނިްސްޓްރީން ބުނި ގޮތުގައި ދިވެހި ބަހުގައި "ޅެންފަރުވާ" ގެ މާނަ އަކީ ބަލިމީހާގެ އިހުސާސްތަކާއި އުދާސްތަކާ ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީ ކަމަށެވެ. މިއީ ގަދީމީ ޒަމާނުއްސުރެ ހަޒާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއް ކަމަށް ވެސް ބުންޏެވެ.
ބަސްކޮމެޓީން "ޅެންފަރުވާ" ފާސްކުރުމާ ގުޅިގެން އެ ނަން މިހާރު ވަނީ ބަސްފޮތުގެ އޮންލައިން އިސްދާރުގައި ވެސް ހިމަނައިފަ އެވެ.
ދިވެހި ޅެމުން ނަފުސާނީ ފަރުވާ ހޯދޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ބަހާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެފައި ވަނީ މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރަން ޖެނުއަރީ މަހު ތިނަދޫގައި ބޭއްވި ޖަލްސާގެ ތެރޭގަ އެވެ. ޅެން ބޭނުންކޮށްގެން ނަފްސާނީ ކަންކަމަށް ފަރުވާ ދިނުމަކީ ކުރިއަރާފައިވާ ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ކުރެވޭ ކަމެއް ކަމަށާއި އެކަން ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ކުރެވިދާނެތޯ ބެލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރާނެ ކަމަށް ވިދާޅުވި އެވެ.
ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާއި، ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލައި ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ ބައެއް މުއައްސަސާތަކާ އެކު ބޭއްވުނު ބައްދަލުވުން.#ދައުލަތުގެޓީމު pic.twitter.com/cYEs7xrjmK
— Ministry of Dhivehi Language, Culture and Heritage (@MoDLCH) February 6, 2024
އަދި މިކަމާ ގުޅޭ މަޝްވަރާތަކެއް ފެބްރުއަރީ މަހުގެ ތެރޭގައި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓަރު، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު އަދި ދަމަަނަވެއްޓާ އެކީ ބާއްވާފައިވެ އެވެ.