އެމްއެމްޕީއާރްސީން ރާއްޖެ އިން ބޭރުގައު ބައިވެރިވާ ހަރަކާތްތަކުގައި އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން ޖަނާހު ބައިވެރި ނުކުރަން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އަންގަވާފައިވާ ކަމަށް ވިދާޅުވެ މީޑިއާތަކުން ފެތުރީ ރޯބުހުތާނު ދޮގެއް ކަމަށް މިނިސްޓަރު ވިދާޅުުވެއްޖެ އެވެ.
ޗެނެލް 13 އިން ގެނެސްދިން އާޓިކަލެއްގެ ލިންކަކާ އެކީ މިނިސްޓަރު ފޭސްބުކްގައި ވިދާޅުވީ މިއީ އޭނައާ ޒާތީވެ ބުލީކޮށްގެން ފަހަތަށް ނުޖެއްސުމުން ހަދާ ބޮޑެތި ދޮގުތައް ކަމަށެވެ.
"މިފަދަ ވާހަކަތައް ފަތުރައިގެން [ވެސް] އަޅުގަނޑު ފަހަތަކަށް ނުޖެއްސޭނެ." ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ ލީޑަޝިޕާ އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް ކަމަށެވެ.
"އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މިތިބީ ރައީސް މުއިއްޒުގެ ތަސައްވަރުގައިވާ އިންގިލާބީ ހެޔޮ ބަދަލުތައް މި ސިނާއަތަށް ގެނެސްދިނުމަށް. ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައިވެސް ނޫރައިން ބައިވެރިވާނެ،" އޭނަ ވިދާޅުވި އެވެ. "އިންތިޒާމްކޮށް ރޭވިގެން މި ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓްކޮށްގެން މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން އެކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް."
ޗެނެލް 13 އިން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ބޭރުގެ އިވެންޓްތަކުގައި ނޫރައިން ބަައިވެރި ނުކުރަން މިނިސްޓަރު އެންގެވީ ދާދި ފަހުން ބޭއްވި ވޯލްޑް ޓްރެވެލްސް އެވޯޑްސްގައި ނޫރައިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އިނގިރޭސިން ވާހަކެއް ދެއްކެވިލެއް ފުރިހަމަކަމުން އޭނަ އަށް ލިބިވައިގަތް ތައުރީފާ ހެދި އެކަން ހަމަނުވެގެންނެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމަށް ވަޑައިގަތް ފަހުން، އޭނަގެ ފެންވަރާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން އޭނަ އަށް އިނގިރޭސިން ވާހަކަ ދައްކަވަން އެނގިވަޑައިނުގަންނަވާ ކަމަށް ބުނެ އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވެފައިވެ އެވެ.