(މެއި 17 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ކީރިތި ޤުރުއާން ސިފަކުރެވިފައިވާ ސިފަތައް:
ﷲ ތަޢާލާ ކީރިތި ޤުރުއާން ވަރަށް ގިނަ ސިފަތަކުން ސިފަކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި އަންނަނިވި ސިފަތައް ހިމެނެ އެވެ:
"مبارك" މުބާރަކު: {وَهَذَا كِتَابٌ أَنْزَلْنَاهُ مُبَارَكٌ} سورة الأنعام: 92
މާނަ: "މިޤުރުއާނަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ."
"مبين" މުބީން: {قَدْ جَاءَكُمْ مِنَ اللَّهِ نُورٌ وَكِتَابٌ مُبِينٌ} سورة المائدة: 15
މާނަ: "ހަމަކަށަވަރުން، اللَّه ގެ ޙަޟްރަތުން ނޫރަކާއި، ބަޔާންކުރަނިވި ފޮތެއް، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެ އެވެ."
"عزيز" ޢަޒީޒު: {إِنَّ الَّذِينَ كَفَرُوا بِالذِّكْرِ لَمَّا جَاءَهُمْ وَإِنَّهُ لَكِتَابٌ عَزِيزٌ} سورة فصلت: 41
މާނަ: " ހަމަކަށަވަރުން، އެއުރެންގެ ގާތަށް ޤުރުއާން އައިހިނދު، އެޤުރުއާނަށް ކާފިރުވި މީހުންނަށް (ގަދަވެގެންވާ ޢަޛާބު ހުށްޓެވެ.) ހަމަކަށަވަރުން، އެއީ ބާރުގަދަ ފޮތެއްކަން ކަށަވަރެވެ."
"مجيد" މަޖީދު: { بَلْ هُوَ قُرْآنٌ مَجِيدٌ فِي لَوْحٍ مَّحْفُوظٍ} سورة البروج: 21،22
މާނަ: "އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: އައްލައުޙުލް މަޙްފޫޡުގައިވާ) މާތް ޤުރުއާނެވެ".
" كريم" ކަރީމު: {إِنَّهُ لَقُرْآنٌ كَرِيمٌ} سورة الواقعة: 77
މާނަ: "ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރުއާނެއްކަން ކަށަވަރެވެ."
މީގެ އިތުރަށް ވެސް ކީރިތި ޤުރުއާނަކީ ޝިފާއެއްކަމާއި، ރަޙްމަތެއްކަމާއި، ވަޢުޡު ނަސޭޙަތެއްކަމާއި، ޢަރަބިބަހުންވާ ފޮތެއްކަމާއި، އުފާވެރިކަމުގެ ޚަބަރުދޭ ފޮތެއްކަމާއި، އިންޛާރުދޭ ފޮތެއްކަމާއި، ބޮޑުވެގެންވާ ފޮތެއްކަމާއި، ޙިކްމަތްތެރި ފޮތެއްކަމާއި، ހުރިހާ ކަމެއް ތަފްސީލުކޮށްދޭ ފޮތެއްކަމާއި، އެންމެ ރިވެތި ބަހުގެ ފޮތެއްކަމާއި، ﷲ ތަޢާލާގެ ވާފަށްކަމަށް ސިފަކުރެވިފައިވެ އެވެ. (ނުނިމޭ)
ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.