މި ދުވަސްވަރަކީ ރާއްޖެ އަށް އަނބު މޫސުމެވެ. އެހެންވެ ހުރިހާ ހިސާބެއްގައި ވެސް އަނބުގެ ތިޔާގިކަން ބޮޑެވެ. އަނބަކީ އަބަދު ވެސް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު މޭވާއެކެވެ. ތަފާތު ގޮތްގޮތަށް އަނބު ބޭނުން ކުރެވެ އެވެ. އެގޮތުން ދޮންކޮށް ކެއުމާއި ދޮންއަނބާއި ރޯ އަނބުން ޖޫސް ގިރުމާއި އަނބުން ސަޓަންނާއި މަޖާ ހެދުމަކީ އާންމު ކަމެކެވެ.
ނަމަވެސް މި ފަހަރުގެ އަނބު މޫސުމާ އެކީ މިއޮތީ ކުރިން އާންމުންގެ ތެރެއިން އެހާ ބޮޑަށް ނުފެންނަ ކަމެކެވެ.
އެއީ އަނބު ތެޅުމެވެ. މީގެ ފޯރި ވަރަށް ގަދަ އެވެ. ސޯޝަލް މީޑިއާ ހާވާލާފައި ނަމަ އަނބުތަޅާ މަންޒަރު ފެންނަ ވީޑިއޯތަކާއި މިކަމުގެ މަޖާގަނޑު މިހާރު ވަރަށް ބޮޑުކަން ފާހަގަކޮށްލެވެ އެވެ.
އެހެންވެ މިކަން މިހާރު އޮތީ ޓްރެންޑަކަށް ވެސް ވެފަ އެވެ.
އަނބުތަޅާ ގޮތަށް ބަލާ އިރު މިކަން ކުރަނީ ކުދި ރޯ އަނބު ބޭނުންކޮށްގެންނެވެ. ޅިޔަ އަޅާފައި ރޯ އަނބު ޕްލާސްޓިކް ކޮތަޅަކަށް އަޅާފައި ނޫޑްސް ޕެކްޓްގެ ތެރޭގައި އޮންނަ ހަވާދު ޕެެކެޓްގެ އިތުރުން ރަހަމީރު ކުރަން އިތުރު އެހެން އެއްޗެހި ބެސް ބައެއް މީހުން އަޅާކަން ވެސް ފާހަގަކުރެވެ އެވެ.
ދެން ކޮތަޅުގައި ގޮށް ޖަހާގައި ދަނޑުބުރިއަލުން ނޫނީ އެ ޒާތުގެ އެއްޗަކުން އަނބު ތަޅަނީ އެވެ. އެ ހިސާބުން ތެޅި އަނބު ކާންވީ އެވެ.
ތިއީ އަދި މިކަން ތަޖުރިބާ ނުކުރާ މީހެއް ނަމަ ނިކަން މިކަމާ އުޅެލުން ކިހިނެއް ވާނެ ހެއްޔެވެ؟