އިންޑޮނީޝިއާގެ ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމަށް ހާއްސަކޮށްގެން އެ ގައުމަށް ސްޓާލިންކްސްގެ އިންޓަނެޓްގެ ހިދުމަތް ތައާރަފުކޮށްފި އެވެ.
މި ހިދުމަތް އިއްޔެ ތައާރަފުކުރީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އިންޑޮނީޝިއާގެ ހެލްތު ސެކްޓާ އަށް ހާއްސަކޮށްގެން ސްޕޭސް އެކްސްގެ ސްޓާލިންކްގެ ހިދުމަތް ތައާރަފުކޮށް ދެއްވީ އެ ކުންފުނީގެ ވެރިޔާ މަހުޖަނު އީލޮން މަސްކާއި އިންޑޮނީޝިއާގެ ހެލްތު މިނިސްޓަރު ބުޑީ ގުނާޑީ ސަޑިކިން އެވެ.
އެ ރަސްމިއްޔާތުގައި އީލޮން ވިދާޅުވީ ސްޓާލިންކްގެ ސަބަބުން އިންޑޮނީޝިއާގެ އެކަހެރި ހިސާބުތަކަށް ސިއްހީ ހިދުމަތް ފޯރުކޮށް ދޭން ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި އެ ހިދުމަތް އެ ގައުމުގެ ސިއްހީ ދާއިރާ އަށް ހާއްސަކޮށްގެން ތައާރަފުކުރެވުމަކީ ބޮޑު އުފަލެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސްޓާލިންކުން ވަނީ އިންޑޮނީޝިއާގެ ދެ ސަރަހައްދެއްގެ ތިން ހެލްތު ސެންޓަރެއް ގުޅާލައިފަ އެވެ. އެއީ ބާލީގެ ދެ ސެންޓަރަކާއި ދުރު ހިސާބުގައި އޮންނަ އެކަހެރި މަލުކޫގެ އަރޫގަ ސެންޓަރެކެވެ.
ސްޓާލިންކްގެ ހިދުމަތް ދުނިޔެ އަށް ތައާރަފުކުރީ 2019 ގަ އެވެ. މިއީ ބިޔަ ސެޓެލައިޓް ވިއުގައެއް މެދުވެރިކޮށް ގާއިމުކޮށްފައިވާ ހިދުމަތެކެވެ. ސްޓާލިންކްގެ މައިގަނޑު މަގުސަދަކީ އިންޓަނެޓްގެ ހިދުމަތުން ދުނިޔޭގެ އެއްވެސް ހިސާބެއް މަހުރޫމުވިޔަ ނުދިނުމެވެ.