ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޓައިގާ ޝްރޮފާ އެކީ އާ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މިއީ ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމެއް ކަމަށާއި އަންނަ މަހުގެ ތެރޭގައި ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. ޓައިގާއާ އެކީ ބޮޑު ބަޖެޓް ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ވާހަކަ މީޑިއާތަކުގައި މި ދެކެވެން މި ފެށީ މި ފަހުން ރިލީޒްވި އޭނަގެ ހުރިހާ ފިލްމުތަކެއް ފްލޮޮޕްވުމާ ގުޅިގެން، ފިލްމު ކުޅެދޭ އަގު 70 ޕަސެންޓަށް ކުޑަކޮށް ދޭން ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ޑިމާންޑް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ޓައިގާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.
ދަރުމާ އިން އޭނައާ އެކީ އާ ފިލްމެއް ހަދަން ޕްލޭންކޮށްފައިވާ އިރު، އެ ސްޓޫޑިއޯ އަށް ޓައިގާ ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އެވެ. އޭގެ ފަހުން 2022 ގައި ޓައިގާއާ އެކީ "ސްކްރޫ ދީލާ" ގެ ނަމުގައި ދަރުމާ އިން ފިލްމެއް އިއުލާންކުރި އެެވެ. އެއީ ޝިޝާންކް ކައިތާން ޑައިރެކްޓްކުރާ ގޮތަށެވެ.
ނަމަވެސް ފަހުން އެ ޕްރޮޖެކްޓްގެ އެއްވެސް ވާހަކައެއް ނުދެވި، އޭގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ޝިޝާންކް މިހާރު އަންނަނީ ވަރޫން ދަވަނާއި ޖާންވީ ކަޕޫރާ އެކީ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމު އަންނަ އަހަރުގެ އެޕްރީލް 18 ގައި ސިނަމާތަކަށް ގެންނާނެ އެވެ.
ޓައިގާ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އޮގަސްޓް ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ސިންގަމް އެގެއިން" ގެ އިތުރުން އޭނަގެ "ބާގީ" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމު ހިމެނެ އެވެ.