Last Updated: January 9, 21:56
Thursday, January 9, 2025
ޚަބަރު

ނަތަންޔާހޫ ހައްޔަރު ކުރަން އަމުރަށް އެދުމުން ބައިޑަން ކޯފާވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ-

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)ގެ ޕްރޮސެކިއުޓަރ އެދުމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އެކަމަށް ފާޑުކިޔާ ނުރުހުން ފާޅުކޮށްފިއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން އިއްޔެ ވަނީ ބެންޖަމިން ނަތަންޔާހޫ އަދި ޔޯއާވް ގަލަންޓްގެ އިތުރުން ހަމާސްގެ އިސް ބައެއް ހައްޔަރުކުރުމުގެ އަމުރަކަށް އައިސީސީގެ ޕްރީ-ޓްރަޔަލް ޗެމްބަރ – 1 އަށް ހުށައަޅުއްވާކަން ހާމަކޮށްފައެވެ.

ޖޫއިޝް އެމެރިކަން ހެރިޓޭޖް މަސް ފާހަގަ ކުރުމަށް އިއްޔެ ވައިޓްހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން ބައިޑަން ބުނީ، ނަތަންޔާހޫ އަދި ޔޯއާވް ގަލަންޓް ހައްޔަރު ކުރުމަށް އައިސީސީން ހުށަހެޅި ހުށަހެޅުން ބަލައި ނުގަންނާނެ ކަމަށެވެ.

ބައިޑަން ބުނީ ހަމާސްއާއި އިޒްރޭލް ހަމަހަމަ ނުކުރެވޭނެ ކަމަށެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގައި ނަސްލުނައްތާލުމުގެ އެއްވެސް ކަމެއް ނުހިނގާ ކަމަށްވެސް ބައިޑަން ބުނެފައިވެއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން ވިދާޅުވީ ބޮޑުވަޒީރު ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިފައިވާ ކަމަށާއި މިފަދަ އަމުރަކަށް އެދުނީ އެ ދެ މީހުން ވެސް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރުގެ އިތުރުން ހަމާސް ޖަމާއަތުގެ ތިން ލީޑަރުން ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް ވަނީ އެދިފައެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 35،000 އަށް ވުރެ މައްޗަށް އަރާފައެވެ. އިޒްރޭލުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ރަފާހް އަށް ބޮން އަޅަން ފަށާފައިވާއިރު އެގައުމުން މީގެކުރިން ވަނީ މިލިޓަރީ އޮޕަރޭޝަނެއް ފަށަން ބޭނުންވާތީ ރަފާހްގައި ދިރިއުޅެމުންދާ އެންމެން ވަޒަން ދޫކޮށް ދިޔުމަށް ވެސް އަންގާފަ އެވެ. ނަމަވެސް މިކަން މިގޮތަށް ނުކުރުމަށް އެތައް ގައުމަކުން އިޒްރޭލު ކިބައިން ވަނީ އެދިފައެވެ.

އިޒްރޭލުގެ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އެތައް ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ.