ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2023 ވަނަ އަހަރަކީ ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މިދިޔަ އަހަރަކީ މާލީ ގޮތުން ބޭންކަށް އެންމެ ކާމިޔާބު އަހަރު ކަމަށާއި، އެގޮތުން ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނު ކަމަށެވެ. މީގެއިތުރުން މިދިޔަ އަހަރު 23،000 އައު ކަސްޓަމަރުން ބޭންކާ ގުޅި 66،000 އަށް ވުރެ ގިނަ އައު އެކައުންޓް ބޭންކުގައި ހުޅުވާފައިވާ ކަމަށްވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް ދެމެންދާ ހިދުމަތާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ކަސްޓަމަރ ސަރވިސް ގުލްނާޒް މާހިރު ވިދާޅުވީ ފުރިހަމަ އަދި ރައްކާތެރި ބޭންކިންގ ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ ބޭންކުން އެންމެ ހާއްސަ ސަމާލުކަމެއްދޭ އެއްކަންތައް ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ހިތްހަމަޖެހޭ އަދި އުފަލާއެކު ބަލައިގަންނަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށާއި، މިދިޔަ އަހަރު ކަސްޓަމަރުންގެ ޝަކުވާ %20 އަށް ދަށްކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ބީއެމްއެލް އިން 2023 ވަނަ އަހަރުގެ މެއި މަހުގައި ވަނީ ޑިޖިޓަލް ބޭންކިންގ އެސިސްޓަންޓް އާޔާ ތައާރަފްކޮށްފައެވެ. އާޔާ އަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖަރ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަރލިޖެންޓް ޗެޓްބޮޓެކެވެ.
ބޭންކުން ކަސްޓަމަރ ސަރވިސް ރަނގަޅު ކުރަން ކުރާ މަސައްކަތައް އަލިއަޅުވާލަމުން ގުލްނާޒް އިތުރަށް ވިދާޅުވީ ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދިނުމުގައި މިދިޔަ އަހަރު %24 ގެ ކުރިއެރުމެއް ލިބުނު ކަމަށެވެ. މިއީ ކަސްޓަމަރުން ބޭނުންވާ ފަދަ ހިދުމަތެއް ދިނުމަށް ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"މި ކާމިޔާބީއަކީ ބޭންކުން އިސްނަގައިގެން ކުރި އެތައް މަސައްކަތެއްގެ ސީދާ ނަތީޖާ. މީގެ ތެރޭގައި،ކޭސް މެނޭޖްމަންޓް ސިސްޓަމް ތަންފީޒުކުރުމާއި މުވައްޒަފުންނަށް ދެވުނު ތަމްރީނާއި މިދިޔަ އަހަރު ތެރޭ ބޭންކުގެ ގިނަ ޕްރޮސެސްތަކެއް ބަދަލުކޮށް އިތުރަށް ރަނގަޅުކުރުމަށް ކުރެވުނު ބުރަ މަސައްކަތް. މި ފުރުސަތުގައި މިކާމީޔާބީ ހޯދުމުގައި ޝާމިލުވާ އެންމެހާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން." ގުލްނާޒް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކިންގ ވިއުގަ އާއި ޒަމާނީ ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ.