ޖަމިއިއްޔާތަކުގެ މަހާސިންތާ މި އަހަރު ގއ. ވިލިގިލީގައި ބާއްވަން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ މަހާސިންތާ ކުރިއަށް ދާނީ މި މަހުގެ 25-27 އަށް ކަމަށެވެ. މީގައި 60 އަށް ގިނަ ފަރާތްތަކުން ބައިވެރިވާނެ އެވެ.
މި މަހާސިންތާ އަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައުއެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށްޓަކައި ބާއްވާ މަހާސިންތާއެވެ.
މީގެ އިތުރުން ގައުމީ ތަރައްގީ އާއި، މުޖުތަމައުތަކުގައި ހިނގަމުންދާ އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަށް ވެސް އެ މަހާސިންތާގައި ރާވާފައިވެ އެވެ.
މި މަހު ވިލިގިލީގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މިހަރާކާތުގެ ބައިވެރިންގެ ތެރޭގައި އަތޮޅަށް ނިސްބައްވާ މަދަނީ ޖަމްއިއްޔާތަކާއި ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕމެންޓް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ގއ. އަތޮޅުގައި ހަރަކާތްތެރިވާ މުއައްޒަފުން ހިމެނޭނެ އެވެ.
މަހާސިންތާގެ މަގުސަތުތައް:
* ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޖަމުއިއްޔާ ތަކުގެ ހިންގުން ހަރުދަނާ ކުރުން
* ޖަމިއްޔާ ތަކުގެ މަސައްކަތާއި ގުޅުން ހުރި ސެކްޓަރ ތަކާއި ދެމެދު ގުޅުން ބަދަހިކުރުން
* އަމާން ވެއްޓެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާ ތަކުގެ ދައުރު އިތުރު ކުރުން
* ޖުތަމައު ބާރުވެރިކުރުވުމަށް ކަމާއި ކުޅޭ މުއައްސަސާ ތަކުން ކުރާ މަސައްކަތުގައި މަދަނީ ޖަމްއިއްޔާ ތަކުގެ ބައިވެރިވުން އިތުރު ކުރުން.
ޔޫތު މިނިސްޓްރީން ބުނީ މަހާސިންތާގައި ހަ ފަރާތަކުން ތަފާތު އެކިއެކި މައުލޫއުތަކަށް ސެޝަންތައް ނަގައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.