މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އާ ފިލްމު "ލަވް އެންޑް ވޯ" އަކީ ގިނަ ދުވަސްތަކެއް ފަހުން ހަދާ ވަރަށް ރީތި ލޯބީގެ ފިލްމަކަށް ވާނެ ކަމަށާއި ކުރިން ހަދާފައިވާ ފިލްމުތަކާ މި ފިލްމު ވަރަށް ތަފާތު ވާނެ ކަމަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބުނެފި އެެވެ.
ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ މި ތިނެސްކަން ލޯބީގެ ފިލްމުގެ މަސައްކަތް ފަށަން ކެތްމަދުވެފައި ހުރި ކަމަށެވެ. "ލަވް އެންޑް ވޯ" ގެ ތަރިންނީ ރަންބީރް ކަޕޫރާއި އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލެވެ.
"މި މޮޅު ތިން ތަރިންގެ ކެމިސްޓްރީ ސްކްރީނުން އެކީގައި ދައްކާލަން ކުރެވޭ މި މަސައްކަތާ މެދު ވަރަށް އުފަލުން މި ހުރީ،" ހަމް ދިލް ދޭ ޗުކޭ ސަނަމް އާއިި ދޭވްދާސް އަދި ރާމް-ލީލާ ފަދަ ރީތީ ލޯބީގެ ފިލްމުތައް ގެނެސްދިން ބަންސާލީ ބުންޏެވެ. "މި ފިލްމަކީ މިހާތަނަށް އަހަރެން ހެދި އެހެން ފިލްމުތަކާ ވަރަށް ތަފާތު އެއްޗަކަށް ވާނެ. އަނެއްކާ ވަރަށް ދުވަސްކޮށްފައި ލޯބީގެ ފިލްމެއް މި ހަދަނީ. މި ފިލްމު ވާނެ ވަރަށް ގިނަ ދުވަސް ފަހުން ހިންދީ ސިނަމާ އަށް އަންނަ ވަރަށް ހިތްގައިމު ލޯބީގެ ފިލްމަކަށް."
އޭނަ ބުނި ގޮތުގައި "ލަވް އެންޑް ވޯ" ތަފާތުވާނެ އެންމެ މައިގަނޑު ކަމަކީ އާންމު ސްޓައިލާ މުޅިން ތަފާތު ފިލްމަކަށް މި މަސައްކަތްވުމެވެ. ބަންސާލީ އާންމުންގެ ތެރޭގައި އެންމެ މަޝްހޫރީ ހިތްގައިމު ބިޔަ ސެޓްތަކުގައި ފިލްމުތައް ޝޫޓްކުރާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.
"ނަމަވެސް މި ފިލްމަކީ އަހަރެންގެ އާންމު ސްޓައިލާ މުޅިން ތަފާތުކޮށް، އާ ގޮތަކަށް ގެނެސްދޭ ފިލްމަކަށް ވާނީ." ކުޅަދާނަ ޑައިރެކްޓަރު ބުންޏެވެ.
ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ އާލިއާއާ އެކީ ގެނެސްދިން 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ. އަދި އޭނަގެ އެންމެ ފަހުގެ މަސައްކަތަކީ މި މަހު 1 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އެވެ.
"ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ޝޫޓިން ފަށާނީ މި އަހަރުގެ ފަހުކޮޅު އެވެ.