Last Updated: January 9, 21:56
Thursday, January 9, 2025
ޚަބަރު

ޗައިނާއިން ޓައިވާން ވަށައިގެން އަސްކަރީ ތަމުރީނުތައް ފަށައިފި

ޗައިނާގެ ރައީސް، 2018 ވަނަ އަހަރު ކުރިއަށްގެންދިޔަ އަސްކަރީ ހަރަކާތެއްގައި-

ޗައިނާއިން ޓައިވާންގެ ސަރަހައްދު ވަށައިގެން އަސްކަރީ ތަމުރީނުތަކެއް ފަށައިފިއެވެ.

ޗައިނާއާއި ވަކިވެގަތުމަށް ޓައިވާނުން މަސައްކަތް ކުރަމުންދާއިރު، ޗައިނާއިން ޓައިވާންގެ ސަރަހައްދު ވަށާލައި، އަސްކަރީ ތަމުރީނުތައް ފަށާފައިމިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޗައިނާގެ ސްޓޭޓް މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޓައިވާންގެ ވަށައިގެންވާ ކަނޑު އަދި ވައިގެ ސަރަހައްދުގައި މި ތަމުރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނާ އަސްކަރިއްޔާގެ އެކިބައިތައް ގުޅިގެން ކުރިއަށްގެންދާ މި ތަމުރީނުތައް ބުރާސްފަތި އަދި ހުކުރު ދުވަހު ކުރިއަށްދާނެ ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ.

މި ތަމުރީނުތަކާ ގުޅޭގޮތުން ޗައިނާ އަސްކަރިއްޔާގެ ތަރުޖަމާނެއް ބުނެފައިވަނީ، މި ތަމުރީނުތަކަކީ ޗައިނާއާ ވަކިވެގަނެ މިނިވަންވުމަށް ޓައިވާނުން ކުރާ މަސައްކަތަށް ދެވޭ ވަރުގަދަ އަދަބެއް ކަމަށާއި އަދި މިއީ ބޭރުގެ އެހެން ބާރުތަކުން ޓައިވާންގެ މައްސަލައަށް ވަނުމާ ދެކޮޅަށް ދެވޭ ވަރުގަދަ ހަރުކަށި އިންޒާރެއް ކަމަށެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޗައިނާގެ އަސްކަރީ ތަމުރީނުތަކާ ގުޅިގެން ޓައިވާނުންވަނީ އެގައުމުގެ އަސްކަރިއްޔާވެސް ހައި އެލާޓަށް ގެނެސްފައެވެ. ޗައިނާއިން އަސްކަރީ ތަމުރީނުތައް ފަށާފައިމިވަނީ ޓައިވާނުގެ އާ ރައީސް މަގާމުގެ ހުވާ ކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ޓައިވާންގެ އާ ރައީސް ވިލިއަމް ލައި ޗިންގް-ޓޭ މަގާމުގެ ހުވާ ކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ޓައިވާނަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަންނަން ޗައިނާ އިން ދެކޮޅު ހަދަމުންދާއިރު ޗައިނާ އިން އަބަދުވެސް ދެކެނީ ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގައެވެ.