ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އައްޔަންކުރަން ވެރިކަން ކުރާ ޕީއެންސީން ނިންމުމާ ގުޅިގެން ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ބައްޕަގެ ކާމިޔާބީއާ ގުޅިގެން ތައުރީފު ކުރައްވައިފި އެެވެ.
ފޭސްބުކްގައި ފައިސަލް އާންމު ކުރެއްވި ދިގު ޕޯސްޓްގައި ވިދާޅުވީ އެކަންވީ ލިބިވައިގަތް ވަރަށް ބޮޑު އުފަލަކަށް ކަމަށެވެ.
"ޚާއްޞަ ކޮށް ރައީސް ޑރ މުޢިއްޒުއަށް ނުހަނު ލޭފަވެތި ޝުކުރެެއް އަދާ ކުރާ ހާލު އެ އެންމެ ބޭފުޅުންނަށް ހިތުގެ ޢުމުޤުން ހެޔޮދުޢާ ކުރަން." އޭނަ ވިދާޅުވި ވެ.
ފައިސަލް ވިދާޅުވީ އޭނަގެ ބައްޕަ އަކީ އާދަޔާޚިލާފު އިންސާނެެއް ކަމަށާއި ވަރަށް ނިކަމެތި ހާލު، ކިޔަވުމުގެ ބޭނުމުގައި މާލެ ފައިބާވަޑައިގެން ގެއެއްގެ ނޯކިރީކޮށް، އެތަކެއް ތަކުލީފުތައް ތަހައްމަލުކޮށް، ނޫކަށި ޒުވާން ޢުމުރުގައި ވަޒީފާއަށް ނިކުންނަވައި، ދުނިޔެ އާރާސްތުކުރުމަށް ނުހަނު ޒުވާން ޢުމުރު ޒަވާޖީ ހަޔާތެއް ފައްޓަވައި ޢާއިލާއެއް ބިނާ ކުރެއްވި ބޭފުޅެއް ކަމަށެވެ.
"ބައްޕަ އަކީ އުފަންވި އަތޮޅާއި ރަށަށް ޚިދުމަތްކޮށް، ކުޑަމިނުން ރަށްކުރިއަރުވާ ކޮމެޓީ އަށް ކުރިމަތިލައި ނުހޮވުމުން ވެސް ހިތްވަރު އެލުވާނުލާ، ފަހަތަށް ފިޔަވަޅެއް ނާޅާ، ނުހަނު ވަރުގަދަ ޢަޒުމާ ގަދަ ހިތްވަރާއި އެކު ކުރިއަށް ދިޔަ އިންސާނެއް،" ފައިސަލް ވިދާޅުވި އެވެ. "ޤައުމަށް ޚިދުމަތް ކުރުމުގައި، ވެރީންނަށް ކިޔަމަންތެރިކަމާއެކު ލައްބައޭ ބުނެ 24 ގަޑިއިރު މަސައްކަތުގައި އުޅެނިކޮށް، އެންމެ ފަހަރަކު ނޫނެކޭ ބުނުމުން ސިޔާސީ ރޭވުމުން ވައްކަން ބޮލުގައި އަޅުވާ އަރުވާލި. އެވެ. ކުދި ދަރިންކޮޅެއް މަޔަކާއި އެކު ނިކަމެތިވެ ބިކަވެދިޔަ ދުވަސްތަކުން ވެސް ބައްޕަ ހާޞިލް ކުރީ ޢިބްރަތް. ވެ. ގުޑުވާނުލެވުނީ އެ ވަރުގަދަ ހިތްވަރާއި ސާބިތުކަން."
މިނިސްޓަރު ވިދާޅުވީ ބައްޕަ އަދުރޭ އަކީ ޤައުމަށް އައި ސިޔާސީ ބަދަލުގެ އޮއިވަރާއެކު، ނެގި ގިނަ ރާޅުތަކުގެ ތެރެއިން ރައްޔިތުންގެ ހައްޤުތަކާއި ޤައުމުގެ ހެވަށްޓަކައި ނިކުމެ ސިޔާސީ ޕާޓީގެ ހަރަކާތްތަކުން ޖަރީވެ، 2009 ވަނަ އަހަރު އިންތިޚާބު ކުރި 17 މަޖިލީހުން ބައްޕަ ޖާގަ ހޯއްދެވި ސިޔާސީ ވިޔަ ކުރުން ހަމަ ރަނގަޅަށް ދަންނާ ބޭފުޅެއް ކަމަށެވެ.
"ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބައިގެ މީހުންނާއި، އެއް އޮޅީގައި އުޅޭ ހިތް ނުބައި މީހުންޖެހި ހަޖުލާއި، ކުރި އަދި ކުރާމަލާމާތާއި ފުރައްސާރައަކީ އިންސާނެއްގެ ހައިސިއްޔަތުން ބައްޕައަށްވެސް އަސަރުކުރާނޭކަން ޔަޤީން. އަދި ޢާއިލާއެއްގެ ހައިސިއްޔަތުން އަހުރެން ވެސް ހިމެނޭހެން ހުރިހާބެއިން ހިތްދަތިވި ކިތަންމެ ކިތަންމެ ފުރައްސާރައެއް ރާއްޖޭގެ ސިޔާސީ އުޑުގެ ދަށުގައި ވެޔަތުވެ ހިނގައްޖެ." ފައިސަލް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ކުރީގެ ޑީއާރުޕީ އާއި ޕީއޭ އަދި ޕީޕީއެމްގެ ވެރީންނާއި، އެ ޒަމާން ތާރީޚުގައި ލިޔެވިފައިވާ ކަމަށެވެ. އަދި މިހާރުގެ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ރައީސކަށް ހުންނަވައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު، އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ކާމިޔާބު ކުރުމަށް މިއަދުގެ ރައީސް ޑރ މުޢިއްޒު ރިޔާސީ ރޭހަށް ނެރުއްވައި، އިންތިޚާބު ބޮއިކެޓް ކުރުމަށް ރޭވި ކެހިވެރި ރޭވުމުން ޕާޓީ އާއި މި ޤައުމު ސަލާމަތް ކުރުމުގެ ހިތްވަރުގަދަ ފިޔަވަޅު އެޅީ ބައްޕަ ކަމަށެވެ.
"އެއީ މަދުން ނޫނީ އިންސާނަކަށް ނުނެރެވޭނޭ ފަދަ ހިތްވަރުގަދަ ޢަމަލެއް. މިއަދު މި ޤައުމު ދެކެމުން މި ދަނީ މާ އުފާވެރި މަންޒަރެއް." ފައިސަލް ވިދާޅުވި އެެވެ. " މާގެ އުޖާލާ މަންޒަރުތައް، އަލުން ހާމަވެ މާރީތި އުފާވެރި ކުރެހުންތަކާއި ކުލަތައް މިއަދު މަދަނީ ހާމަވަމުން."
އޭނަ ވިދާޅުވީ މިހާރު ބައްޕަ އަދުރޭ އަކީ 20 ވަނަ މަޖިލީހުގެ ރައީސް ގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރާނޭ އެމަޖިލީހުގެ ރައީސް ކަމަށެވެ.
"މިއީ ތާރީޚުން ބައްޕަ ހޯއްދެވި ފިސާރި ވަރުގަދަ ޖާގައެއް. ހެޔޮ އެދޭ އެކުވެރީންނާއާއި، އާއިލާ އާއި، ލ. އަތޮޅާއި ޚައްޞަ ކޮށް ލ ފޮނަދޫ ފަޚުރުވެރިވާނޭ ޖާގައެއް. ރާއްޖޭގެ ވެރިކަމުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ވެރިޔަކަށް الله އިރާދަފުޅާ އެކު އެންމެ ބޮޑު ޢައްލަބިއްޔަތަކުން ހޮވޭނެ މަޖިލީހުގެ ރައީސް އަކީ ލ .ފޮނަދޫ އަރާއިރު ޢަބްދުއްރަހީމް ޢަބްދުއްالله،" ފައިސަލް ވިދާޅުވި އެވެ. "މިފަދަ އުފާވެރި ހިނދުކޮޅެއްގައި ބައްޕަގެ ކާމިޔާބީ ލޮލުން ދެކި އަތުން ހިފަން ލިބުމަކީ ދޮށީ ފިރިހެން ދަރިއަކަށް ލިބޭނޭ ކޮން ފަދަ ބޮޑު ފަޚުރުވެރިކަމެއް ކަން ބަޔާންކޮށްދޭނެ ގޮތެއް އަހުރެންނަކަށް ނޭނގޭ."
ބައްޕާ އެވެ! އައްސަރިބަހާއި ސާބަހެވެ.
"ތިޔަ ކުރެއްވި ހިތްވަރާއި ތިޔަވީ ޤުރުބާނީ އަށް އަދި ތިޔަ ހޯއްދެވި ކާމިޔާބީ އަށް ފަށްފަށުން ސެލިއުޓް ކުރަން. ރައީސް މުޢިއްޒުއަށާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ނުހަނު އަދަބުވެރިކަމާ އެކު ޝުކުރު ދަންނަވަން،" ފައިސަލް ވިދާޅުވި އެވެ. "ފޮނަދޫ ދާއިރާ ގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން."