ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އެ މީހުންގެ އާ ގެއަށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ބަދަލުވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މުމްބާއީގެ މި ގެ އަކީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރްގެ މައިންބަފައިން ކަމަށްވާ ރާޖް ކަޕޫރާއި ކްރިޝްނާ ކަޕޫރްގެ ފަރާތުން ވާރުވެފައިވާ ގެއެކެވެ. އެ ގެ ޒަމާނާ އެއްގޮތަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެދާނެ އެވެ.
ގެއަށް ކިޔަނީ ރަންބީރްގެ މާމަގެ ނަން "ކްރިޝްނާ ރާޖް" އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ގެ ވާނީ ބޮލީވުޑްގެ ތަރިންގެ ގެތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް ގެއަށެވެ. ގޭގެ މައިގަނޑު މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާ އިރު، މިހާރު ކުރިއަށް ދަނީ އެތެރޭގައި ކުރަން ޖެހޭ ބައެއް ކުދިކުދި މަސައްކަތްތައް ކަމަށް މީޑިއާތަކުން ބުންޏެވެ.
އެހެންވެ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރަންބީރާއި އާލިއާ އާ ގެއަށް ބަދަލުވާނެ ކަމަށާއި މިކަމާ އެ މީހުންގެ އާއިލާ އިން ވެސް ވަރަށް އުފަލުން ތިބި ކަމަށް ބުނެފައިވެ އެވެ. މީޑިއާތަކުން ބުނި ގޮތުގައި މި ފަހަރުގެ ދިވާލީ ވަރަށް ކުލަގަދަކޮށް ދެމަފިރިން އާ ގޭގައި ފާހަގަކުރާނެ އެވެ.
ދިވާލީ ފާހަގަކުރަނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ރަންބީރާއި އާކިއާ ކައިވެނިކުރީ 2022 ގަ އެވެ. އެ މީހުންގެ މިހާރު އަހަރެއްވީ އަންހެން ދަރިއަކު ވެސް އެބަހުއްޓެވެ. ރަންބީރާއި އާލިއާ މިހާރު އަންނަނީ ދެމަފިރިން އެކީގައި ދެވަނަ ފިލްމެއް ވެސް ކުޅެން ތައްޔާރުވަމުންނެވެ. އެއީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަންނަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ "ލަވް އެންޑް ވޯ" އެވެ.
ރަންބީރާއި އާލިއާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2022 ގެ "ބުރައްމަސްތުރާ" އެވެ.