Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ނޭޗާ ޕާކް ތަރައްގީ ކުރަން 23 ހުށަހެޅުމެއް

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ތަރައްޤީ ކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 23 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ނޭޗާ ޕާކް ތަރައްގީ ކުރަން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ހުށަހެޅުންތައް މިހާރު އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

"އެ ތޭވީސް އީއޯއައި [އެކްސްޕްރެޝަން އޮފް އިންޓަރެސްޓް] އިވެލުއޭޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. އިވެލުއޭޓު ކުރުމަށް ފަހު ނޭޗަ ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތަށް ދެން ކުރަން ޖެހޭ މަސައްކަތް މި އަހަރު ފަހުކޮޅު ކުރެވިގެންދާނެ ވާހަކަ ދަންނަވާލަން."މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ނޭޗ ޕާކުތައް ޤާއިމް ކުރުމުގެ އިތުރަށް މި ފަސް އަހަރުގެ ތެރޭގައި ތިން ސަރަހައްދެއްގައި ބަޔޯސްފިއަ ރިޒާވް ޤާއިމް ކުރުމަށް ވެސް ނިންމައިފަ އެވެ. އެގޮތުން އެކަމަށް ހުޅުވައިލުމުން އެއް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަ ޕާކެއް ޤާއިމްކޮށް އިތުރު ތިން ބަޔޯސްފިއަ ރިޒާވް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ރާއްޖޭގައި މިހާރު ނޭޗާ ޕާކް ހުރި ސަރަހައްދުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކާއި އައްޑޫ ހިމެނެ އެވެ.