Last Updated: September 8, 06:17
Sunday, September 8, 2024
ދުނިޔެ

ޕިކްސަލް ފޯނު އިންޑިއާގައި އުފައްދަނީ

އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި، ގޫގުލް އިން ޕިކްސަލް ފޯނު އިންޑިއާގައި އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިތުބާރު ކުރެވޭ ބައެެއް ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން އިންޑިއާގައި ފޯނު އުފެއްދުމުުގެ މަސައްކަތް ކުރަން ނިންމާފައި ވަނީ ޓަމިލް ނާޑޫ ސްޓޭޓްގައި ގާއިމުކޮޮށްފައިވާ ޓައިވާންގެ ފޮކްސްކޮންގެ ފެސިލިޓީގައި ކަމަށެވެ. އެތަނުގައި ޕިކްސަލް ފޯނުގެ އިތުރުން ޑްރޯން ވެސް އުފެއްދުމުގެ މަސައްކަތް ގޫގުލް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އިންޑިއާގައި ޕިކްސަލް ފޯނު އުފެއްދުމުގެ ޕްލޭންތަކެއް ގެންގުޅޭ ކަމަށް މިދިޔަ އަހަރު ހާމަކޮށްފައިވެ އެވެ. އޭރު ބުނެފައި ވަނީ ޕިކްސަލްގެ 8 ގެ ޕްރޮޑަކްޝަން އިންޑިއާގައި ކުރިއަށް ގެންދަން ވިސްނަމުން އަންނަ ކަމަށެވެ.

މީޑިއާތަކުން ބުނި ގޮތުގައި މި ޕްލޭނަށް އަމަލީ ސިފަ ގެންނަން ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓާއި ފޮކްސްކޮންއާ ދެމެދު މިހާރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު، މި އަހަރުގެ ތެރޭގައި މަސައްކަތް ފަށާނެ އެވެ.

އިިންޑިއާ އަކީ ފަހަކަށް އައިސް ބޭރުގެ ބޮޑެތި ބައެއް ކުންފުނިތަކުން އެ މީހުންގެ މަސައްކަތްތައް ކުރަން ވަރަށް ބޮޑަށް އިސްކަން ދެމުން އަންނަ ގައުމެކެވެ. އެގޮތުން އެޕަލްގެ އައިފޯންގެ ބައެއް މޮޑެލްތައް މިހާރު ވެސް އިންޑިއާގައި އުފެއްދުމުގެ މަސައްކަތް ކުރެ އެވެ.

އިންޑިއާ އަކީ ސްމާޓްފޯނަށް ބޮޑު މާކެޓެއް ވެސް އޮތް ވަރަށް ބާރަށް ކުރިއަރަމުން އަންނަ ގައުމެކެވެ.