ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ސްރީލަންކާއިން ވަނީ އެ ގައުމަށް ދަތުރުކުރާ ފަރާތްތަކަށް ޓުއަރިސްޓް ވީސާ ދިނުމުގެ އިންތިޒާމަށް ބަދަލެއް ގެނެސްފައެވެ. އެބަދަލާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލަންކާއިން ލިބޭނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ 30 ދުވަހުގެ މުއްދަތަށްވުރެއް އިތުރަށް ތިބެން ބޭނުންވާނަމަ 6 މަސްދުވަހުގެ ވިސާއަށް އޮންލައިން ކޮށް ހުށަހެޅޭނެ ކަމަށެވެ. އެހެންނަމަވެސް ވިސާ އިތުރުކުރުމަށް އެޑްމިނިސްތްރޭޓިވް ފީ އެއް ނަގާނެ ކަމަށްވެސް ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ބަދަލާ ގުޅިގެން އެ ގައުމުގެ ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ލަންކާގައި މިހާރު ދިރިއުޅޭ ދިވެހިންގެ ތެރެއިން ވިސާ މުއްދަތު އިތުރުކުރަން ޖެހޭ ފަރާތްތަކަށް ހައިކޮމިޝަނުގެ އެހީތެރިކަން ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.