އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" ގެ ދެވަނަ ބައިން އަނިލް ކަޕޫރަށް ލިބުނު ރޯލު ދޫކޮށްލުމާ ގުޅިގެން، އެ ފިލްމަށް އާރް މާދްވަން ސޮއިިކޮށްފި އެެވެ.
މާދްވަން އަކީ މާޗްގައި ރިލީޒްކުރި އަޖޭގެ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" ގައި ސިހުރުވެރިއެއްގެ ރޯލު ކުޅުނު އެކްޓަރެވެ. އެ ފިލްމުގައި އޭނަ ކުޅުނު ރޯލާ ހިލާފަށް "ދޭ ދޭ ޕިޔާރު ދޭ 2" ގައި ކުޅޭނީ ލައިޓް-ހާޓެޑް ރޯލެކެވެ.
މީޑިއާތަކުން ބުނީ އަނިލް ފިލްމު ދޫކޮށްލީ އޭނަ ސޮއިކޮށްފައި ހުރި އެހެން ބައެއް ޕްރޮޖެކްޓްތަކާއި އަޖޭގެ ފިލްމުގެ ޝޫޓިން ރާވާފައި އޮތް ދުވަސްވަރާ ފުށުއަރާތީ ވަގުތު ދިނުމުގެ ދަތިކަމާ ހެދި ކަމަށެވެ. ޖޫން/ޖުލައި ހިސާބުގައި އަނިލް ސޮއިކޮށްފައި އޮތް "ސުބޭދާރު" ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތުމާއި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް އާލިއާ ބަޓާ އެކި ހަދަން ނިންމާފައިވާ ފިލްމުން އަނިލް އަށް ލިބިފައިވާ ރޯލަށް ތައްޔާރުވާން ވަގުތު ބޭނުން ނުވާތީ "ދޭ ދޭ ޕިޔާރު ދޭ 2" ދޫކޮށްލީ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ އަޖޭއާ އެކީ އަނިލް ކުރިން ވެސް މަސައްކަތްކޮށްފައިވާކަމެވެ. އެގޮތުން ދެ ތަރިން އެންމެ ފަހުން އެކީގައި މަސައްކަތްކުރި ފިލްމަކީ 2019 ގެ ކޮމެޑީ "ޓޯޓަލް ދަމާލް" އެވެ.
"ދޭ ދޭ ޕިޔާރު ދޭ 2" އަކީ 2019 ގައި ރިލީޒްކުރި "ދޭ ދޭ ޕިޔާރު ދޭ" ގެ ސީކްއެލް އެވެ. ރަކުލް ޕްރީތު ސިންގް އާއި ތައްބޫ ބަތަލާއިންގެ ރޯލު ކުޅުނު ފިލްމުގެ ޑައިރެކްޓަރަކީ އާކިވް އަލީ އެވެ. ނަމަވެސް ޑައިރެކްޓަރު ލަވް ރަންޖަނާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެެސްދޭ ދެވަނަ ބައިގެ ޑައިރެކްޓަރަކީ އާ ޑައިރެކްޓަރު އަންޝުލް ޝަރުމާ އެވެ.
"ދޭ ދޭ ޕިޔާރު ދޭ 2" ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ މެއި 1 ގަ އެވެ.