ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް އަށް ވަނަ ޑައިރެކްޝަނަށް ތައްޔާރުކަން އިއުލާންކޮށްފި އެވެ.
މިއަދު ފާހަގަކުރާ އޭނަގެ 52 ވަނަ އުފަން ދުވަހާ ގުޅުވައިގެން އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި މިކަން ހިއްސާކުރި ނަމަވެސް އާ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ނަ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިނީ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. މި ފިލްމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު 2022 ގައި 50 ވަނަ އުފަން ދުވަހާ ދިމާކޮށް ކަރަން ވަނީ އޭނަ ދެން ހަދާނީ އެކްޝަން ފިލްމެއް ކަމަށް ބުނެ އެކަން އިއުލާންކޮށްފަ އެވެ. އެކަމަކު އެއާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަކަށް ނުދެ އެވެ. ބެލެވޭ ގޮތުން ކަރަން މިހާރު ހަދަން ތައްޔާރުވި ފިލްމަކީ މި އެކްޝަން ފިލްމެވެ.
އޭނަ އާ ފިލްމަށް ތައްޔާރުވި ވާހަކަަ ހިއްސާކުރުމާ އެކީ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ އާ ފިލްމު ޝާހްރުކް ޚާނާއި ކާޖޮލް ހިމަނައިގެން ގެނެސްދޭން އެދެމުންނެވެ. ކަރަން ވަނީ އެ ދެ ތަރިން ހިމަނައިގެން ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ އަލަތު ޑައިރެކްޝަން 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އެވެ. އޭގެ ފަހުން 2001 ގައި "ކަބީ ހުޝީ ކަބީ ޢަަމް" އަދި 2010 ގައި "މައި ނޭމް އިޒް ޚާން" ޝާހްރުކާއި ކާޖޮލްއާ އެކީ ގެނެސްދިނެވެ.
ކަރަން އަކީ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން ބެލުންތެރިން އެންމެ އިތުބާރުކުރާ އަދި އަބަދު ވެސް އެ ޑައިރެކްޓަރެއްގެ ފިލްމަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރާ ޑައިރެކްޓަރެކެވެ.
އޭނަގެ ދަރުމާ ޕްރޮޑަކްޝަނަކީ ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ އެއް ސްޓޫޑިއޯ އެވެ. ދަރުމާގެ ކުރިއަށް އޮތް ފިލްމަކީ ޝަރަން ޝަރުމާ ޑައިރެކްޓްކޮށް، މި މަހުގެ 31 ގައި ގެނެސްދޭ ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯގެ "މިސްޓަ އެންޑް މިސިޒް މާހީ" އެވެ.