ރަށްރަށުގެ ތަރައްގީ އާއި އިޖުތިމާއީ ކަންކަން ކުރިއެރުވުމުގައި ޖަމިއްޔާތަކުން މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި އެކަން މިހާރަށް ވުރެ ވެސް ފުޅާކުރަން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ގޮވާލައްވައިފި އެވެ.
ގއ. ވިލިގިނލީގައ މިއަދު ޖަމިއްޔާތަކުގެ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޖަމިއްޔާތަކުގެ މަހާސިންތާގެ އެންމެ ބޮޑު ބޭނުމަކީ މަދަނީ ޖަމިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި އުނދަގޫތައް ދެނެގަނެ އެކަން ހައްލުކޮށް ދެއްވައި ޖަމިއްޔާތަކުގެ ދައުރު ފުޅާކުރަން އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.
އެގޮތުން މިފަދަ ހަރަކާތްތަކުން ހަގީގީ ނަތީޖާ ނެރެވޭނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ހިއްސާ އޮވެގެން ކަމަށް ވެސް ވިދާޅުވި އެވެ.
އަސްވާޑު ވިދާޅުވީ ރަށްރަށުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު ވެސް ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން ތަރައްގީ އާއި އިޖުތިމާއީ ކަންކަމާއި އެހެނިހެން ދާއިރާތަކުން ވެސް ކުރިއެރުން ހާސިލުކުރުމުގައި ޖަމިއްޔާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ކޮންމެ މުޖްތަމައުއެއްގައިވެސް އެބަޔަކަށް ހާއްސަ ޖަމިއްޔާތައް ނުވަތަ ފޯކަސް ގްރޫޕްތަކެއް އޮތުން ވަރަށް މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ. "އެ ސެކްޓާއެއް ކުރިެރުވުމުގައި ހާއްސަކޮށް ޒުވާނުން ބާރުވެރިކުރުމުގައި ދަޑުވެރިކަމާއި މަސްވެރިކަމާއި ފަތުރުވެރިކަމާއި މި ނޫނަސް އެރަށެއްގައި އެރަށަކަށް ބޭނުންވާ އެންމެހާ ކަންކަން ނިންމުމުގައި ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ރައްޔިތުން އެދޭގޮތް ހޯދުމުގައި މަދަނީ ޖަމިއްޔާތައް މި ވަނީ އަޅުގަނޑުމެންނަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް."
މަހާސިންތާގައި އަސްވާޑު ވަނީ ޖަމިއްޔާތަކުން ހިންގާ މަޝްރޫއުތަކަށް މާލީ އެހީ އަށް އެދުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައި އޮތްކަން ފާހަގަ ކުރައްވައިފަ އެވެ.
ދެ ދުވަހަށް ކުރިއަށް ގެންދާ މަހާސިންތާގައި 60 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ އެވެ.