ފްރާންސްގެ މަޝްހޫރު އައިފުލް ޓަވަރު ބަލަންދާ މީހުން އަތުން ނަގާ ފީ އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ ފީ ބޮޑުކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 17 އިން ފެށިގެން ކަމަށެވެ. އެގޮތުން އެ ތާރީހުން ފެށިގެން ބޮޑު މީހެއްގެ އަތުން ނަގާނީ 38.31 ޑޮލަރެވެ. މިހާތަނަށް ބޮޑު މީހެއްގެ އަތުން ނަގަމުން އައީ 31.91 ޑޮލަރެވެ. ފީ އަށް ގެންނަން ނިންމި ބަދަލާ ގުޅިގެން ދެން އުމުރުން 12-14 އަހަރާ ދެމެދުގެ ކުދިންނަށް ފީއަކަށް ނަގާނީ 19.21 ޑޮލަރެވެ. އަދި 4-11 އަހަރާ ދެމެދުގެ ކުދިންނަށް ފީއަކަށް ނަގާނީ 9.66 ޑޮލަރެވެ.
ފްރާންސްގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނީ އަބަދު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރާ އައިފުލް ޓަވަރުން ނަގާ ފީ ބޮޑުކުރަން ނިންމީ އޭގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދުމަށާއި ކޮވިޑްގެ ވަބާއާ ގުޅިގެން 2020-2022 އާ ދެމެދު ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން އެކަން ފޫބެއްދުމުގެ ގޮތުން ކަމަށެވެ.
ދެހާސް ވިހީގެ ތެރޭގައި އައިފުލް ޓަވަރަށް 1.6 މިލިއަން މީހުން ޒިޔާރަތްކުރި އިރު، އޭގެ ކުރީ އަހަރު އެތަނަށް ޒިޔާރަތްކުރި މީހުންގެ އަދަދު 6.2 މިލިއަނަށް އަރަ އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އައިފުލް ޓަވަރަކީ އެ ގައުމުގެ އެންމެ އައިކޮނިކް ތަނެވެ. މީގެ 135 އަހަރު ކުރިން ބިނާކުރި އައިފުލް ޓަވަރަކީ ޔުނެސްކޯގެ ވޯލްޓް ހެރިޓޭޖް ލިސްޓްގައި ވެސް ހިމެނޭ ތަނެކެވެ
އައިފުލް ޓަވަރުން ނަގާ ފީ އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމި އިރު ޖުލައި މަހު އެ ގައުމުގައި ފަށާ މި އަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ތެރޭގައި އައިފުލް ޓަވަރަށް ޒިޔާރަތްކުރާ މީހުން ވަރަށް ބޮޑުތަނުން އިތުރުވާނެ އެވެ.