Last Updated: January 16, 13:53
Thursday, January 16, 2025
ޚަބަރު

ކިޔެވުން ފެށުމަށް ރަނގަޅަށް ތައްޔާރުވެފައި ނެތްކަމަށް ތުހުމަތުކޮށްފި

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ރަނގަޅަށް ތައްޔާރުވެފައި ނެތްކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ތުހުމަތު ކޮށްފިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އާ ދިރާސީ އަހަރެއް ފެށިގެން ދާއިރު އެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނެތްކަމަށެވެ. އެކަމުގެ ސަބަބުން ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު "ކުރުގަޅުވާލާ" އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ވަނީ ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ބެލެނިވެރިން ކުރަމުންދާކަމަށް ތުހުމަތު ކޮށްފައެވެ. މީގެއިތުރުން ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުން ކުރަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަދި މިކަމާ ނުރުހިގެން ސޯޝަލް މީޑިޔާގައި މުވައްޒަފަކު ހިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް ލިބެމުންދާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

"ދިރާސީ ކަލަންޑަރަށް އެއްވެސް ރޭވުންތެރިކަމެއްނެތި އެކިފަހަރުމަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅިތަރުތީބަށްނުހަނު ބޮޑެތި ގެއްލުންލިބެމުން ދާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. އަދި ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ." އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ، އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލިކުއްލިއަށް ނިންމާ ނިންމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެފަރާތްތައް ސަލާމަތްވުމަށް އެޕާޓީން އެދޭކަމަށެވެ. އެހެންކަމުން، މިފެށޭ އާ ދިރާސީ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތައުލީމީ ދާއިރާއަށް ފައިދާހުރި ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް އިލްތިމާސްކޮށްފައިވެއެވެ.