Last Updated: January 16, 15:54
Thursday, January 16, 2025
ޚަބަރު

އެފްއޭއެމްގެ އޮފީހަކަށް ފުލުހުން ވަދެއްޖެ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް - އެފްއޭއެމް

ގަލޮޅު ދަނޑުގައި ހުންނަ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އޮފީހަށް ފުލުހުން ވަދެއްޖެއެވެ.

ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތުހުމަތުގެ ތަހުގީގަށް ފުލުހުން ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީހަށް ވަދެފައިވަނީ ކޯޓު އަމުރަކާ އެކުއެވެ. މި އޮފީހަށް ފުލުހުްނ ވަދެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ ހގުޅޭ ހެކި ހޯދުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެފްއޭއެމްއަށް އެކި ތަންތަނުން ލިބޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތު ކުރެވިގެން، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އަމުރުކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލްއެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ 20 ވަނަ ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ. އަދި ބައްސާމްގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ދައުވާއާއި މަނީލޯންޑްރިންގެ ދައުވާ އުފުލާފައެވެ.

ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތަފުސީލު:

ޕީޖީ އޮފީހުން ބުނެފައިަވނީ ބައްސާމުގެ މައްޗަށް ހިޔާނާތްތެރިވުމުގެ ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަޤާމުގައި ހުރެ، އެފްއޭއެމްގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި، ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ފަރާތުން އެމެރިކާ ޑޮލަރުން އެފް.އޭ.އެމްއަށް ދެމުން ގެންދިޔަ ފައިސާގެ ތެރެއިން، އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް 10,000.00 ޑޮލަރު ޖަމާކުރުމަށްޓަކައި، ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 10,004.00 ޑޮލަރު ގެ ޓްރާންސްފަރ ކުރުމަށް ލިޔެ، 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައިފައިވާ ކަމަށެވެ. އަދި ބޭންކް ޗަރޖަސްގެ ގޮތުގައި 5.00 ޑޮލަރު އުނިކުރުމަށްފަހު 9,999.00 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި ޑޮލަރު ވިއްކައިގެން ލިބުނު ފައިސާކަމަށް ލިޔެފައިވީނަމަވެސް، 9,999.00 ޑޮލަރުއަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނެތްކަމަށެވެ. އަދި މިފައިސާ ބައްސާމްގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށެވެ.

މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މީގެއިތުރުން ބައްސާމްގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުން ފެށިގެން އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000.00 ޑޮލަރު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމަށްޓަކައި 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައިގެން ބޭންކް ޗަރޖަސް އުނިކުރުމަށްފަހު 9،999.00 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910.00 ޑޮލަރު 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ޙިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައިވާތީއެވެ. އަދި އެ ފައިސާގެ ތެރެއިން 2,000.00 ޑޮލަރު 5 ސެޕްޓެންބަރު 2018 ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ކ. މާލެ، ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާ ކަމަށްވެސް ޕީޖީން މައުލޫމާތުދެއެވެ.

މީގެއިތުރުން އެފް.އޭ.އެމް އިން ބައްސާމްގެ އެކައުންޓަށް ޖަމާކުރި ފައިސާ، އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފް.އޭ.އެމް.އާ ގުޅުމެއް ނެތް ކަންކަމަށް އެފައިސާ ހަރަދުކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ. އެހެންކަމުން މަނީ ލޯންޑަރކުރުމުގެ ކުށުގެ ދަޢުވާއާއި، ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފައިވާ ކަމަށް ޕީޖީން މައުލޫމާތުދެއެވެ.

މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.